ENGLISH
19 އޭޕްރީލު 2025
އެވަޓަންގެ ކޯޗުގެ މަގާމަށް މޮއިސް ހަމަޖައްސައިފި
11 ޖެނުއަރީ 2025
|
އެވަޓަންގެ ކޯޗުގެ މަގާމާ ހަވާލުވި މޮއިސް. --ފޮޓޯ: ރޮއިޓާސް
ހުސްވެފައިވާ އެވަޓަންގެ ކޯޗުގެ މަގާމަށް ކުރީން އެ ޓީމަށް އިރުޝާދު ދީފައިވާ ޑޭވިޑް މޮއިސް ހަމަޖައްސައިފިއެވެ.
އުމުރުން 61 އަހަރުގެ މޮއިސް ވަނީ، އެ ޓީމާއެކު ދެ އަހަރާއި ހަ މަސް ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެވަޓަންގެ ކޯޗުގެ މަގާމާ ދެވަނަ ފަހަރަށް ހަވާލުވުމަށްފަހު، ޑޭވިޑް މޮއިސް ބުނީ، އެނބުރި އާދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިފައިވާ ކަމަށެވެ.
އެވަޓަންގެ ކޯޗުގެ މަގާމު ހުސްވީ، އެ ޓީމު ނެރެމުންއައި ދަށް ނަތީޖާތަކުގެ ސަބަބުން ކުރީގެ ކޯޗު، ޝޯން ޑައިޗް އެ މަގާމުން ވަކިކުރުމުންނެވެ.
މޮއިސް ވަނީ، އެވަޓަންގައި ކުރީން ހޭދަކުރި 11 އަހަރު ދުވަހަކީ، އުފާވެރި އަދި އެހާމެ ކާމިޔާބު ދުވަސްތަކެއް ކަމަށް ބުނެފައެވެ. އަދި، އެ ކުލަބު އާއެކު އަނެއްކާވެސް މަސައްކަތްކުރުމަށް ލިބުނު ފުރުޞަތު ފަސްޖެހުމެއްނެތި ޤަބޫލުކޮށްފައިވާ ކަމަށް ވެސް މޮއިސްގެ ވާހަކައިގައި ފާހަގަކުރިއެވެ.
ކުރީން އެވަޓަން ކުޅުނު މެޗެއްގައި މޮއިސް (ވ) އެ ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ. --ފޮޓޯ: ގެޓީ އިމޭޖަސް
މޮއިސްގެ ކޯޗިންގ ކެރިއަރުގެ އެންމެ ގިނަ ދުވަސްތައް ހޭދަކުރީ އެވަޓަން އަށް 2002 އިން 2013 ގެ ނިޔަލަށް އިރުޝާދު ދީފައިވާއިރު، އޭގެފަހުން މެންޗެސްޓަރ ޔުނައިޓެޑާއި، ރެއާލް ސޮސިއެޑާޑްގެ އިތުރުން ސަންޑަލޭންޑް އަދި ވެސްޓް ހޭމް ޔުނައިޓެޑަށް ދެ ފަހަރު މަތީން ކޯޗުކޮށްދިނެވެ.
މޮއިސް ބުނީ، އޭނާ މިހާރު އެންމެ ބޭނުންވަނީ ގުޑިސަން އަދި އެވަޓަންގެ ހުރިހާ ސަޕޯޓަރުންނާއި ކުޅުންތެރިންނަށް ސީޒަނުގެ ކުރިއަށް އޮތް މުހިއްމު ބައިގައި އެހީތެރިވެދިނުމަށް ކަމަށެވެ. އެއީ، އެ ޓީމުގެ އައު ސްޓޭޑިއަމަށް ބަދަލުވާއިރު ޕްރިމިއަރ ލީގުގައި ދެމި އޮވެގެން އެކަން ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް ވެސް މޮއިސް ބުންޏެވެ.
މިދިޔަ ސީޒަނަށްފަހު ވެސްޓް ހޭމްގެ ކޯޗުގެ މަގާމު ދޫކޮށްލުމަށްފަހު، މޮއިސް މިހާތަނަށް ހުރީ އެއްވެސް ޓީމަކާ ހަވާލުނުވެއެވެ. އެންމެ ފަހުން ކޯޗުކޮށްދިން ވެސްޓް ހޭމް އާއެކު މޮއިސް ވަނީ 2023 ވަނަ އަހަރުގެ ޔުއެފާ ކޮންފަރެންސް ލީގު ތަށި ކާމިޔާބުކޮށްފައެވެ.
އެވަޓަންގެ ކޯޗުގެ މަގާމާ 11 އަހަރަށް ފަހު މޮއިސް ހަވާލުވާއިރު، އެ ޓީމު މި ވަގުތު އޮތީ ލީގުގެ 16 ވަނައިގައެވެ. ލީގުގައި މިހާތަނަށް ކުޅުނު 19 މެޗުގެ ތެރެއިން މޮޅުވެވިފައިވަނީ އެންމެ ތިން މެޗުންނެވެ.