ENGLISH
19 އޭޕްރީލު 2025
ފަހު މެޗުން ލަންކާ އަށް ބޮޑު މޮޅެއް، ސީރީޒް ކާމިޔާބުކުރީ ނިއު ޒީލެންޑުން
11 ޖެނުއަރީ 2025
|
ނިއު ޒީލަންޑްގެ ކުޅުންތެރިން ސީރީޒް ކާމިޔާބުކުރުމަށްފަހު ޓްރޮފީ އާއެކު. --ފޮޓޯ: ގެޓީ އިމޭޖަސް
އެއް ދުވަހުގެ ބައިނަލްއަގުވާމީ ތިންވަނަ މެޗުގައި ނިއު ޒީލަންޑް އަތުން 140 ލަނޑުގެ ތަފާތަކުން ސްރީ ލަންކާ މޮޅުވެއްޖެއެވެ.
ނިއު ޒީލަންޑްގެ އޯކްލަންޑްގައި ކުޅުނު މެޗުގެ ޓޮސް ދިމާވުމުން ލަންކާ އިން ކުޅެން އަރައި، 50 އޯވަރުގެ ތެރޭގައި 8 ވިކެޓަށް 290 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ޕަތުމް ނިސާންކަ ވަނީ 42 ބޯޅައިން 66 ލަނޑު ހަދައިފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ވިކެޓްކީޕަރު ބެޓްސްމަން، ކުސާލް މެންދިސް 54 ލަނޑު ހެދިއެވެ.
މި އިނިންގްސްގައި ނިއު ޒީލަންޑްގެ އުކުންތެރިޔާ، މެޓް ހެންރީ ހަތަރު ވިކެޓް ނެގިއެވެ. ދެން އެންމެ ރަނގަޅަށް އުކި މިޗޭލް ސެންޓްނާ ދެ ވިކެޓްނެގިއިރު، މައިކަލް ބްރޭސްވެލް އާއި ނޭތަން ސްމިތު ކުރެން ކޮންމެ ކުޅުންތެރިއަކު ވިކެޓެއް ނެގިއެވެ.
ނިއު ޒީލަންޑްގެ ކުޅުންތެރިއަކު ނުބައިކޮށްލުމަށްފަހު ލަންކާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
ޖަވާބުގައި ކުޅެން އެރި ނިއު ޒީލަންޑަށް 29.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ އެންމެ 150 ލަނޑެވެ. ނިއު ޒީލަންޑުން އެންމެ މޮޅަށް ކުޅުނީ މާކް ޗެޕްމަން އެވެ. ޗެޕްމަން ވަނީ 81 ލަނޑު ހަދައިފައެވެ.
ލަންކާ އިން އެންމެ ރަނގަޅަށް އުކި މަހީޝް ތީކްޝާނާ އާއި އީޝާން މަލިންގާގެ އިތުރުން އަސިތަ ފެނާންޑޯ ކުރެން ކޮންމެ ކުޅުންތެރިއަކު ތިން ވިކެޓް ނެގިއެވެ.
މި މެޗުން ލަންކާ މޮޅުވި ނަމަވެސް، ނިއު ޒީލަންޑުން ވަންޑޭ ސީރީޒް ކާމިޔާބުކުރީ 2-1 އިންނެވެ. މި ދެ ޓީމުގެ މެދުގައި ކުޅެވުނު ފުރަތަމަ މެޗުން ނުވަ ވިކެޓުން ނިއު ޒީލަންޑް މޮޅުވިއިރު، ދެވަނަ މެޗުގައި އެ ޓީމުން ވަނީ 113 ލަނޑުގެ ތަފާތަކުން ލަންކާ ބަލިކޮށްފައެވެ.