ENGLISH
19 އޭޕްރީލު 2025
ކުސަނޯފް ގަތުމަށް ސިޓީން ލޯންސް އާ އެކު އެއްބަސްވުމަކަށް
11 ޖެނުއަރީ 2025
|
އުޒްބެކިސްތާންގެ ޑިފެންޑަރު، ކުސަނޯފް. --ފޮޓޯ: ގެޓީ އިމޭޖަސް
ފްރާންސްގެ ލޯންސް އަށް ކުޅެމުން އައި އުޒްބެކިސްތާންގެ ޑިފެންޑަރު، އަބްދުކޮދީރު ކުސަނޯފް ގަތުމަށް މެންޗެސްޓަރ ސިޓީން އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
އުމުރުން 20 އަހަރުގެ ކުސަނޯފް ގަތުމަށް ސިޓީން ވަނީ ގާތްގަނޑަކަށް 40 މިލިއަން ޔޫރޯ (33.6 މިލިއަން ޕައުންޑް) ގެ ޓްރާންސްފާ ފީއެއް ލޯންސް އަށް ދޭން އެއްބަސްވެފައެވެ.
މި ޑީލުގެ ތެރެއިން، ބޯނަހުގެ ގޮތުގައި އިތުރު ފައިސާ ދޭން ސިޓީން އެއްބަސްވެފައިވާ ކަމަށް ވެސް ފަހުގެ މީޑިއާ ހަބަރުތައް ބުނެއެވެ. އަދި، ސިޓީ އާއެކު މެޑިކަލް ފުރިހަމަކުރުމަށްފަހު އެ ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ކުސަނޯފް ވަރަށް އަވަހަށް ރަސްމީ ތަޢާރަފްކުރާނެ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.
ކުސަނޯފްގެ ސޮއި އަތުލުމުގައި ސިޓީ ކާމިޔާބު ހޯދައިފިނަމަ އޭނާ ވެގެންދާނީ ޕްރިމިއަރ ލީގުގެ ކުލަބަކަށް ކުޅެނޭ އުޒްބެކިސްތާނަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މީގެއިތުރުން، އޭނާ ވެގެންދާނީ 2018 ވަނަ އަހަރުގެ ސީޒަނުގައި ސްޕެއިނުގެ ޑިފެންޑަރު، އައިމެރިކް ލަޕޯޓް ގެނައި ފަހުން ޖަނަވަރީ މަހުގެ ތެރޭގައި ސިޓީން ގެންނަ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އަށެވެ.
މިދިޔަ ހަތަރު އަހަރުގެ ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސިޓީން މިހާރު ކުރިއަށްދާ ސީޒަނުގައި ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ހުރެ ފޯމު ދަށްވެ، ނެރެމުންއައި ދަށް ނަތީޖާތަކުގެ ސަބަބުން ލީގު ރޭހުން ވަނީ ވަކިވެފައެވެ.
މި ވަގުތު ލީގުގެ ހަވަނައިގައި އޮތް ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ވަނީ، އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އިތުރު ކުޅުންތެރިން މި ޖަނަވަރީ މަހުގެ ޓްރާންސްފަރ ބާޒާރުގައި ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބުނެފައެވެ.
ސިޓީން މިހާރު ގެނައުމަށް މަސައްކަތްކުރާ އިތުރު ކުޅުންތެރިންގެ ތެރޭގައި، ބްރެޒިލްގެ ޕަލްމެއިރާސްގެ ޒުވާން ޑިފެންޑަރު، ވިޓޯ ރެއިސް އާއި ޖަރުމަންގެ އެއިންޓްރަކްޓް ފްރެންކްފާޓްގެ މިސްރު ފޯވާޑް، އޮމަރް މަރްމޫޝް ހިމެނެއެވެ.