ENGLISH
19 އޭޕްރީލު 2025
ސަބޯނިސްގެ އެހީއާ އެކު ސެލްޓިކްސް އަތުން ކިންގްސް މޮޅުވެއްޖެ
11 ޖެނުއަރީ 2025
|
ކިންގްސްގެ ސަބޯނިސް (ކ) ހުއްޓުވަން ސެލްޓިކްސްގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: އޭޕީ
އެންބީއޭގެ އެންމެ ފަހުގެ ޗެމްޕިއަން، ބޮސްޓަން ސެލްޓިކްސް 114-97 އިން ބަލިކޮށް، ސެކްރަމެންޓޯ ކިންގްސް އިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
މިއީ ލީގުގައި ކިންގްސް ޖެހިޖެހިގެން މޮޅުވި ހަވަނަ މެޗެވެ. އަދި، މިއީ ސެލްޓިކްސް އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ބަލިވި ދެވަނަ ފަހަރެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި މިއަދު ކުޅުނު މެޗު ފެށުނީއްސުރެ، ދެވަނަ ކުއާޓަރ ފިޔަވައި އެހެން ހުރިހާ ކުއާޓަރއެއްގައި ކިންގްސް ވަނީ ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ކުއާޓަރގައި 34-27 އިން ކިންގްސް ލީޑު ކުރިއިރު، ދެވަނަ ކުއާޓަރގައި ސެލްޓިކްސް އިން ވަނީ 28-19 އިން ކުރިހޯދާފައެވެ.
މެޗުގެ ތިންވަނަ ކުއާޓަރގައި 23-21 އިން ކިންގްސް ނެގި ލީޑާއެކު، ދެ ޓީމުން ފުރަތަމަ ތިން ކުއާޓަރ ނިންމާލީ 76-76 އިން އެއްވަރުވެގެންނެވެ. ނަމަވެސް، މެޗުގެ ފަހު ކުއާޓަރގެ ކުރީކޮޅު ކިންގްސް އިން 24-9 އިން ނެގި ލީޑާއެކު، ކުޅުމުގެ ބާކީ ހަ މިނެޓު އޮއްވާ ނަތީޖާ ވަނީ 100-85 އަށް ބަދަލުކޮށްލާފައެވެ. މިއާއެކު، އެ ޓީމުން ފަހު ކުއާޓަރ ނިންމާލީ، 17 ޕޮއިންޓްގެ ލީޑަކާއެކު، 38-21 އިންނެވެ.
މި މެޗުން ކިންގްސް މޮޅުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރީ، ޑޮމަންޓާސް ސަބޯނިސް އެވެ. ސަބޯނިސް ވަނީ 23 ޕޮއިންޓާއެކު، 28 ރީބައުންޑް ނަގައި، ސީޒަނުގެ 33 ވަނަ ޑަބަލް-ޑަބަލް ފުރިހަމަކޮށްފައެވެ.
ކިންގްސްގެ ސަބޯނިސް (މ) ހުއްޓުވުމަށް ސެލްޓިކްސް ދެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: އޭޕީ
މިއީ ސަބޯނިސްގެ ކެރިއަރުގައި 20 އަށް ވުރެ ގިނައިން ރީބައުންޑް ނެގި 24 ވަނަ މެޗެވެ. މި މެޗުގައި އޭނާ ނެގި 28 ރީބައުންޑަކީ މި ފަހަރުގެ ލީގުގެ ރެކޯޑެކެވެ. ކުރީން، މި ރެކޯޑް އޮތީ ސަން އެންޓޯނިއޯ ސްޕާސްގެ ވިކްޓަރ ވެންބަންޔާމާ އަތުގައެވެ. އޭނާ ވަނީ 23 ރީބައުންޑް ނަގައިފައެވެ.
މީގެއިތުރުން، ކިންގްސްގެ ޑެމާރް ޑެރޮޒާން އާއި މާލިކް މޮންކްގެ ކުޅުން ފާހަގަކޮށްލެވުނެވެ. ޑެރޮޒާން ވަނީ 24 ޕޮއިންޓާއެކު ނުވަ ރީބައުންޑް ނަގައިފައެވެ. މާލިކް މޮންކް 22 ޕޮއިންޓް އެއްކުރިއެވެ.
ސެލްޓިކްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ ޖޭލެން ބްރައުން އެވެ. އޭނާ 28 ޕޮއިންޓް އެއްކުރިއިރު، ކްރިސްޓަޕްސް ޕޯޒިންގިސް 22 ޕޮއިންޓާއެކު 10 ރީބައުންޑް ނެގިއެވެ. އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، ޖޭސަމް ޓޭޓަމް އަށް އެއްކުރެވުނީ 15 ޕޮއިންޓާއެކު، 12 ރީބައުންޑް އެވެ.
މި މުބާރާތުގައި މިއަދު ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ޑެންވާ ނަގެޓްސް ވަނީ ބްރޫކްލީން ނެޓްސް އަތުން 124-105 އިން މޮޅުވެފައެވެ. އިންޑިއާނާ ޕޭސާސް އަތުން 108-96 އިން ގޯލްޑެން ސްޓޭޓް ވޯރިއާސް ބަލިވިއިރު، މިލްވައުކީ ބަކްސް ވަނީ 109-106 އިން އޯލަންޑޯ މެޖިކް ބަލިކޮށްފައެވެ.