ENGLISH

19 އޭޕްރީލު 2025

Advertisement

ކޯމޯ އަތުން ވެސް ލާޒިއޯ މޮޅެއް ނުވި

11 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ލާޒިއޯއާ ކޯމޯ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭއެފްޕީ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުގެ ފަހު ހާފުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ލާޒިއޯ 1-1 އިން ކޯމޯއާ އެއްވަރުވެއްޖެއެވެ.

މިއީ ލީގުގައި ޖެހިޖެހިގެން މޮޅެއް ނުލިބި ލާޒިއޯ ފުރިހަމަކުރި ތިންވަނަ މެޗެވެ. އޭގެތެރެއިން ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. އަދި، މީގެތެރެއިން ދެ މެޗު އެ ޓީމުން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި ނަތީޖާއާއެކު، ލާޒިއޯ އަދިވެސް އުޅެނީ ހަތަރު ވަނައިގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ނަޕޯލީއާ ލާޒިއޯ ދެމެދު 8 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ނަޕޯލީ އެއްވަނައިގައި އޮތީ 19 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އެޓަލާންޓާ އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ. ތިންވަނައިގައި އޮތް އިންޓަރ މިލާން ދެ މެޗުން މަދުން ކުޅެގެން ވަނީ 40 ޕޮއިންޓް ހަމަކޮށްފައެވެ.

ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބުލާއެ ޑިއާ އެވެ. އޭނާ މި ލަނޑުޖެހީ މަޓެއޯ ގެންޑޫޒީ ދިން ބޯޅައަކުންނެވެ. މި ގޯލާއެކު ލާޒިއޯ އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، މެޗުގެ 58 ވަނަ މިނެޓުގައި ލާޒިއޯގެ ލޫމް ޗައުނާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާ އަށް ދެ ރީނދޫ ކާޑު ދައްކާފައިވަނީ ދެ މިނެޓުގެ ތެރޭގައެވެ.

މިއާއެކު، ބާކީބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެންޖެހި، ލާޒިއޯ އަށް މައްސަލަތައް ކުރިމަތިވެފައިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 72 ވަނަ މިނެޓުގައި ގެބްރިއެލް ސްޓްރެފެޒާ ނަގައިދިން ހުރަހެއްގެ އެހީގައި ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ޕެޓްރިކް ކުޓްރޯނޭ ވަނީ ކޯމޯ އަށް އެއްވަރުކޮށްދީފައެވެ.

މި މެޗުން ހޯދީ ޕޮއިންޓާއެކު، ކޯމޯ ވަނީ ތާވަލްގެ 15 ވަނަ އަށް ޖެހިލައިފައެވެ. ކޯމޯ މިވަގުތު އޮތީ ރެލިގޭޝަން ޒޯނަށް ވުރެ ދެ ޕޮއިންޓް ކުރީގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 19 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު