ENGLISH

19 އޭޕްރީލު 2025

Advertisement

ޕޮޓާގެ ފުރަތަމަ މެޗުން ވެސްޓް ހޭމް ބަލިވެއްޖެ

11 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

މެޗަށްފަހު ވެސްޓް ހޭމްގެ ކުޅުންތެރިން މާޔޫސްވެފައި. --ފޮޓޯ: ރޮއިޓާސް

ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން، ވެސްޓް ހޭމް ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން އެސްޓަން ވިލާ އަތުން އެފްއޭ ކަޕްގައި ބަލިވެއްޖެއެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި ބާމިންގހަމްގައި މި ދެ ޓީމު ބައްދަލުކުރި މެޗުގައި ލީޑު ނެގީ ވެސްޓް ހޭމުންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ވެސްޓް ހޭމަށް މި ލަނޑު ޖަހައިދިނީ ލޫކަސް ޕަކޭޓާ އެވެ.

މި ގޯލާއެކު ވެސްޓް ހޭމުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވިލާ އިން ވަނީ ފަސް މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހައި، މުބާރާތުގެ އަނެއް ބުރުން ޖާގަ ހޯދައިފައެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ވިލާ އަށް އެއްވަރުކޮށްދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު، އަމަޑޫ އޮނާނާ އެވެ. އަދި، އޭގެ ފަސް މިނެޓު ފަހުން، ވިލާ މޮޅުވި ލަނޑު ޖަހައިދިނީ މޯގަން ރޮޖާސް އެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ވިލާގެ ކޯޗު، އުނާއި އެމެރީ ބުނީ، ރަނގަޅު މެޗެއް ކުޅެ، ކާމިޔާބުކުރެވުމުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

ދުވަހަކަށްވުރެ ދުވަހެއް އޭނާގެ ޓީމުގެ ކުޅުން ރަނގަޅުކޮށް، މެޗުތަކުން ނަތީޖާ ރަނގަޅު ކުރަމުން އަންނަ ކަމަށާއި، ވެސްޓް ހޭމް އަތުން ލިބުނު މޮޅާއެކު އިތުބާރު ބޮޑުވެފައިވާ ކަމަށް ވެސް އެމެރީ ބުންޏެވެ.

ވެސްޓް ހޭމްގެ ކޯޗު، ޕޮޓާ ބުނީ، އޭނާގެ ކުޅުންތެރިން ކުރިމަތިލާންޖެހުނީ ވަރަށް ބޮޑު، އަދި އެހާމެ އުނދަގޫ ހަފްތާއަކާ ކަމަށެވެ. އަދި، ނަތީޖާ މިހެން ނުކުތުމުން، އެކަމުން ރިކަވާވެ ރަނގަޅަށް އެނބުރި އަންނަންޖެހިފައިވާ ކަމަށް ވެސް ޕޮޓާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު