ENGLISH
04 ޖޫން 2025
ޔުނައިޓެޑުން އަމަދުގެ ކޮންޓްރެކްޓް އާކޮށްފި
10 ޖެނުއަރީ 2025
|
މެންޗެސްޓަރ ޔުނައިޓެޑުގެ އައިވަރީ ކޯސްޓްގެ ފޯވާޑް، އަމަދު ޑިއާލޯ އާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ޑިއާލޯއާ އެކު ހަދާފައިވާ އެއްބަސްވުން 2030 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ.
ޔުނައިޓެޑާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށްފަހު ޑިއާލޯ ވަނީ، އެ ކުލަބުގައި މަޑުކުރުމަށް އެއްބަސްވުން އާ ކުރެވުމުން ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށް ބުނެފައެވެ.
މިހާތަނަށްއައިއިރު ވެސް ހަނދާނުން ފޮހެލަން އުނދަގޫ ގިނަ ދުވަސްތަކެއް ޔުނައިޓެޑާއެކު ހޭދަކޮށްފައިވާ ކަމަށާއި، އަދި ކުރިއަށް އެ ފަދަ ދުވަސްތައް އެބަހުރި ކަމަށް ވެސް ޑިއާލޯ ބުންޏެވެ.
"ޔުނައިޓެޑާއެކު ގިނަ ކަންކަން ހާސިލްކޮށް، ތާރީޚުގައި ލިޔެލަން ބޭނުން،" ޑިއާލޯ ބުންޏެވެ.
ލިވަޕޫލްގެ މެކްއެލިސްޓާ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ޑިއާލޯ (ވ) މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
މި ސީޒަނުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ހަ ގޯލާއެކު ހަތް އެސިސްޓް ހަދާފައިވާ ޑިއާލޯ ވަނީ ޔުނައިޓެޑާއެކު މޮޅު ކުޅުމެއް ދައްކާފައެވެ.
މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ޑިއާލޯ ވަނީ ލީގުގައި އެންމެ ފަހުން ލިވަޕޫލާ ކުޅެ 2-2 އިން އެއްވަރުވި މެޗުގައި ލަނޑުޖަހައި، އޭގެކުރީން މިދިޔަ މަހުގެ ތެރޭގައި ކުޅުނު މެންޗެސްޓަރ ޑާބީގައި ޔުނައިޓެޑް މޮޅުވި ލަނޑު ވެސް ޖަހައިދީފައެވެ.
ލީގުގައި ނެރެމުން އައި ދަށް ނަތީޖާތަކުގެ ސަބަބުން މި ވަގުތު ތާވަލްގެ 13 ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 20 މެޗުން 23 ޕޮއިންޓެވެ. އެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. އެއް މެޗުން އެއްވަރުވިއިރު މޮޅުވީ އެންމެ މެޗަކުންނެވެ.
ޔުނައިޓެޑަށް ދެން އެންމެ އަވަހަށް އޮތީ އަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އާސެނަލްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.