ENGLISH
04 ޖޫން 2025
މަޔޯކާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ރެއާލަށް
10 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑުޖަހައިދިނުމަށްފަހު ރެއާލްގެ ބެލިންހަމް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ސެމީ ފައިނަލްގައި މަޔޯކާ 3-0 އިން ބަލިކޮށް، ރެއާލް މެޑްރިޑު ސްޕެނިޝް ސުޕަ ކަޕުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ފައިނަލްގައި ރެއާލް ނުކުންނަން ޖެހޭނީ ވާދަވެރި ބާސެލޯނާއާ ދެކޮޅަށެވެ. މިއީ މި ދެ ޓީމު މި މުބާރާތުގެ ފައިނަލްގައި ޖެހިޖެހިގެން ބައްދަލުކުރާ ތިންވަނަ ފަހަރެވެ. ސުޕަ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ރެއާލެވެ. މުބާރާތް 14 ފަހަރު ކާމިޔާބުކޮށްގެން އެންމެ ކާމިޔާބު ޓީމަކީ ބާސެލޯނާ އެވެ. ރެއާލް ވަނީ 13 ފަހަރު ސުޕަ ކަޕް ތަށި އުފުލާލައިފައެވެ.
ޖިއްދާގެ ކިންގްސް އަބްދުﷲ ސްޕޯޓްސް ސިޓީގައި ކުޅުނު މި މެޗުގައި މިދިޔަ އަހަރުގެ ކޮޕަ ޑެލް ރޭގެ ފައިނަލްގައި ކުޅުނު މަޔޯކާ އިން ވަނީ ފުރަތަމަ ހާފުގައި ރެއާލްއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ވެސް ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި މެޗުގައި ރެއާލް ލީޑު ނެގީ 63 ވަނަ މިނެޓުގައި އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ޖެހި ލަނޑުންނެވެ. މިއީ ރެއާލަށް އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި އޭނާ ޖެހި ހަތްވަނަ ގޯލެވެ.
ރެއާލްގެ ދެވަނަ ގޯލަކީ މަޔޯކާގެ މާޓިން ވަލްޖެންޓް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ރެއާލްގެ ބްރާހިމް ޑިއާޒް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ވަލްޖެންޓް އަތުން ވަތް ގޯލެކެވެ.
އޭގެފަހުން، ރެއާލްގެ ތިންވަނަ ލަނޑުޖަހައިދިނީ ބްރެޒިލްގެ ވިންގް، ރޮޑްރީގޯ އެވެ. މިއީ އެ ޓީމުގެ ލޫކަސް ވަޒްކޭޒް ނަގައިދިން ހިތްގައިމު ހުރަހެއްގެ އެހީގައި ރޮޑްރީގޯ ކާމިޔާބުކުރި ގޯލެކެވެ.
މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބާސެލޯނާ ވަނީ 2-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް، ފައިނަލަށް ދަތުރުކޮށްފައެވެ.
ރެއާލާއި ބާސެލޯނާ ބައްދަލުކުރާ ސުޕަ ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.