ENGLISH
04 ޖޫން 2025
އީއެފްއެލް އިން އާޓޭޓާ އަށް ރައްދުދީ، ލީގު ކަޕްގެ ބޯޅަ ދިފާޢުކޮށްފި
09 ޖެނުއަރީ 2025
|
އާސެނަލްގެ ކޯޗު، އާޓޭޓާ. --ފޮޓޯ: ގެޓީ އިމޭޖަސް
އިނގިރޭސި ލީގު ކަޕްގެ ބޯޅައާ ގުޅޭގޮތުން އާޓޭޓާ ދެއްކި ވާހަކަތަކަށް އިނގިރޭސި ފުޓްބޯލް ލީގު (އީއެފްއެލް) އިން ރައްދު ދީފި އެވެ.
ލީގު ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިދިޔަ އަންގާރަ ދުވަހު ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 އިން ބަލިވި މެޗަށްފަހު އާސެނަލްގެ ކޯޗު، މިކޭލް އާޓޭޓާ ވަނީ އެ މުބާރާތުގެ ބޯޅައާ ގުޅޭގޮތުން މުޅިން ތަފާތު ވާހަކަތަކެއް ދައްކާފައެވެ.
އާޓޭޓާ ވަނީ، މެޗަށްފަހު ދިން އިންޓަވިއުއެއްގައި ޕްރިމިއަރ ލީގުގައި ބޭނުންކުރާ ބޯޅަ އާއި ވަރަށް ބޮޑު ތަފާތެއް އީއެފްއެލް ކަޕް (ލީގު ކަޕް) ގެ ބޯޅައިގައި އެބަހުރި ކަމަށް ބުނެފައެވެ.
އާޓޭޓާ މި ވާހަކަތައް ދައްކާފައިވަނިކޮށް، ލީގު ކަޕްގައި ބޭނުންކުރަމުންދާ ބޯޅައާ ގުޅޭގޮތުން، އީއެފްއެލް އިން ބުނީ، އެ ބޯޅަ ވަނީ ފީފާގެ ކޮލިޓީ ޕްރޮގްރާމާ އެއްގޮތަށް ޓެސްޓްކޮށް، ބޭނުންވާ މިންގަނޑުތައް ފުރިހަމަވެފައި ކަމަށެވެ.
އީއެފްއެލް އިން ނެރުނު ބަޔާނުގައި ވަނީ، ލީގު ކަޕްގެ އިތުރުން ޔޫރަޕްގެ ވަރުގަދަ އެހެން ލީގުތަކުގައި ވެސް އެ ބޯޅަ ކާމިޔާބުކަމާއެކު ބޭނުންކޮށްފައިވާ ކަމަށް ބުނެފައެވެ. އެ ހުރިހާ ކުލަބުތަކުން ވެސް ކުޅެނީ އެއް ބޯޅައަކުން ކަމަށާއި، މިހާތަނަށް އައިއިރު އެއްވެސް ޝަކުވާއެއް ލިބިފައި ނުވާ ކަމަށް ވެސް ބުންޏެވެ.
ނިއުކާސަލް އަތުން ބަލިވި މެޗަށްފަހު އާޓޭޓާ ބުނީ، އާއްމުކޮށް ލީގުގައި ކުޅޭ ބޯޅައާ ހިލާފަށް އީއެފްއެލް ކަޕުގައި ބޭނުންކުރަމުންދާ ބޯޅައިގެ މިސްރާބު ބަދަލުވެ، ތަފާތު ގޮތަކަށް ދަތުރުކުރާ ކަމަށެވެ.
ނިއުކާސަލް އަތުން ބަލިވި މެޗުގައި އާސެނަލުން އެ ޓީމުގެ ގޯލަށް އަމާޒުކޮށް 23 ހަމަލާ ފޮނުވާލިއިރު، އެންމެ ބޯޅައަކުން ވެސް ގޯލެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.