ENGLISH

04 ޖޫން 2025

Advertisement

ބަޔާންގެ އަހަރުގެ ފުރަތަމަ މެޗުގައި މުސިއާލާ އަށް ނުކުޅެވިދާނެ

09 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ބަޔާން ކުޅުނު މެޗެއްގައި މުސިއާލާ (ކ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް

ޖަރުމަނުގެ ބަޔާން މިއުނިކުން އާ އަހަރުގައި ކުރިމަތިލާ ފުރަތަމަ މެޗުގައި ހުނަރުވެރި މިޑްފީލްޑަރު، ޖަމާލް މުސިއާލާ އަށް ހުމާއި ރޯގާގެ ސަބަބުން ނުކުޅެވިދާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

އުމުރުން 21 އަހަރުގެ މުސިއާލާއާ ގުޅޭގޮތުން ބަޔާނުން ބުނީ، މި ވަގުތަށް މުސިއާލާ ކުޅުމުން ބްރޭކެއް ނަގަންޖެހިފައިވުމުން އަންނަ ހޮނިހިރު ދުވަހު ބުންޑެސްލީގާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް ތައްޔާރުވުމަށް ކުރިއަށްގެންދާ ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ޖަރުމަނުގެ ޤައުމީ ޓީމާއެކު ވެސް މޮޅު ކުޅުމެއްދައްކަމުން އަންނަ މުސިއާލާ ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު 22 މެޗުގައި 14 ލަނޑުޖަހައި، ހަ ގޯލްޖެހުމަށް އެހީތެރިވެދީފައެވެ. މީގެތެރެއިން ނުވަ ލަނޑު ޖަހާފައިވަނީ ލީގުގައެވެ. މިއާއެކު، މުސިއާލާ ހިމެނެނީ ލީގުގެ ލަނޑު ލިސްޓުގެ ހަތަރު ވަނައިގައެވެ.

މުސިއާލާގެ އިތުރުން ބަޔާން އަށް އަނިޔާގެ އިތުރު މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން، އެ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ރިޒާވް ގޯލް ކީޕަރު، ޑެނިއަލް ޕެރެޒް އަށް ވަނީ އަނިޔާވެފައެވެ. މިހާތަނަށް ޕެރެޒް އަންނަނީ ވިންޓަރ ބްރޭކުގެ ކުރީން އަނިޔާވި އެ ޓީމުގެ އެއްވަނަ ކީޕަރު، މެނުއަލް ނޯޔާގެ ބަދަލުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ބަޔާނުން އެންމެ ފަހުން އޮސްޓްރިއާގެ ސަލްޒްބާގާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ވެސް ޕެރެޒް ވަނީ ކުޅެފައެވެ. އެ މެޗުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަޔާން މޮޅުވިއިރު، އެ މެޗަށް ނެގި ސްކޮޑުގައި ނޯޔާ ނުހިމެނެއެވެ.

އެހެންކަމުން، ކުރިއަށް އޮތް މެޗުގައި ބަޔާންގެ ގޯލު ބަލަހައްޓާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ދިގު މުއްދަތެއް ވަންދެން އެ ޓީމުގެ ރިޒާވް ކީޕަރެއްގެ މަގާމު ފުރަމުން އަންނަ ސްވެން އުލްރެއިކް އެވެ.

ޖަރުމަނުގެ ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ފަހު އެއްވަނައިގައި އުޅެނީ ބަޔާން އެވެ. އެ ޓީމަށް 15 މެޗުން ލިބިފައި ވަނީ 36 ޕޮއިންޓެވެ. އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން އޮތީ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ތިން ވަނައިގައި އޮތް އެއިންޓްރަކްޓް ފްރެންކްފާޓަށް 15 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު