ENGLISH

04 ޖޫން 2025

Advertisement

އަންނަ އަހަރުގެ ވޯލްޑް ކަޕަކީ އަހަރެންގެ ފަހު މުބާރާތް: ނޭމާ

09 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ބްރެޒިލްގެ ތަރި، ނޭމާ. --ފޮޓޯ: ގެޓީ އިމޭޖަސް

ދެހާސް ސައްބީސް ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަކީ، ކުޅޭނެ އެންމެ ފަހު މުބާރާތް ކަމަށާއި އެ މުބާރާތަށް ބްރެޒިލް ކޮލިފައިވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ނޭމާ ބުނެފިއެވެ.

ނޭމާ މިހެން ބުނީ، ސީއެންއެން އަށް ދާދިފަހުން ދިން އިންޓަވިއުއެއްގައެވެ.

ނޭމާ ވަނީ، އަންނަ އަހަރު އުތުރު އެމެރިކާ ބައްރުގައި ބާއްވާ ވޯލްޑް ކަޕަކީ ބްރެޒިލާއެކު ފެނިގެންދާނެ އެންމެ ފަހު މުބާރާތް ކަމަށާއި، އެއީ ޤައުމީ ޓީމާއެކު އޭނާ އަށް ލިބިގެންދާނެ އެންމެ ފަހު ފުރުޞަތު ކަމަށް ބުނެފައެވެ.

އުމުރުން 32 އަހަރުގެ ނޭމާ ބުނީ، އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ކުޅުމަށްޓަކައި އޭނާ އަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ނޭމާ، އަލް ހިލާލް އަށް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ބްރެޒިލަށް އޮތީ އުނދަގޫ ދަތުރެކެވެ. މިހާތަނަށް ކުޅުނު 12 މެޗަށްފަހު 10 ޓީމު ހިމެނޭ ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި ބްރެޒިލް އޮތީ ފަސްވަނައިގައެވެ. ކުރިއަށް އޮތް މުބާރާތުގައި އެ ބައްރުގެ ހަ ޤައުމަކަށް އޮޓޮމެޓިކް ޖާގަ ލިބިގެންދާއިރު، މިވަގުތު ހަތްވަނައިގައި އޮތް ބޮލީވިއާ އަށް ވުރެ ބްރެޒިލް އޮތީ ފަސް ޕޮއިންޓް ކުރީގައެވެ.

"ޓީމަށް އަހަރެންގެ ވަރަށް ބޮޑު އިތުބާރެއް އެބައޮތް، ހާއްސަކޮށް މިހާރު ކުޅެމުން އަންނަ ޒުވާން ކުޅުންތެރިންނަށް." ނޭމާ ބުންޏެވެ.

ނޭމާ ބުނީ، ކޮލިފައިންގައި ބްރެޒިލް މި ވަގުތު އޮތީ އޮންނަންޖެހޭ ހިސާބުގައި ނޫން ކަމަށާއި، އެންމެން ގުޅިގެން ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި ނަމަ ބޮޑު ކާމިޔާބީއެއް ހާސިލްކުރެވިދާނެ ކަމަށެވެ.

އަދި، ވޯލްޑް ކަޕަށް ދިއުމަށްޓަކައި މަސައްކަތްކުރުމަށް ގާތްގަނޑަކަށް އަހަރަކާއި ހަ މަސްދުވަސް އެބައޮތް ކަމަށާއި، އެންމެ ފުރިހަމަ އަށް މަސައްކަތްކޮށް ގޯސްކޮށް ކުރެވިފައިވާ ކަންތައްތައް ރަނގަޅުކޮށްގެން އަމާޒަށް ވާސިލްވެވިދާނެ ކަމަށް ވެސް ނޭމާ ބުންޏެވެ.

ނޭމާ، ބްރެޒިލަށް ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: ގެޓީ އިމޭޖަސް

މީގެ 14 ވަރަކަށް އަހަރު ކުރީން، ބްރެޒިލަށް ކުޅެން ފެށި ނޭމާ ވަނީ އެ ޓީމަށް ކުޅެދިން 128 މެޗުގައި 79 ލަނޑު ޖަހައިފައެވެ. މިހާތަނަށް ބްރެޒިލްގެ ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތީ ވެސް ނޭމާ އަތުގައެވެ.

މިދިޔަ އަހަރުތަކުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ނޭމާ އެންމެ ފަހުން ޤައުމީ ޓީމަށް ކުޅުނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި އުރުގުއޭއާ ދެކޮޅަށެވެ. އެ މެޗުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އަހަރެއްހާ ދުވަހަށް ކުޅުމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އޭނާގެ މިހާރުގެ ކުލަބު، ސަޢޫދީ ޢަރަބިއްޔާގެ އަލް ހިލާލް އަށް ކުޅެނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ، އަނެއްކާވެސް ވަނީ ކުޅުމާ ދުރަށް ދާން ޖެހިފައެވެ.

ނޭމާ އިތުރަށް ބުނީ، މިވަގުތު އަނިޔާގައި ހުރި ނަމަވެސް އަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގައި ބްރެޒިލަށް ކުޅުމަކީ މި ވަގުތަށް އޭނާގެ އެންމެ މުހިއްމު އަމާޒު ކަމަށާއި، އެ ކަމަށްޓަކައި ގަދައަޅާ ބުރަކޮށް މަސައްކަތްކުރާނެ ކަމަށެވެ.

ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް ކުޅުނު ފުރަތަމަ ހަތަރު މެޗުގައި ނޭމާ ކުޅުނު ނަމަވެސް، އަނިޔާގެ ސަބަބުން އެ ޓީމު އެންމެ ފަހުން ކުޅުނު 8 މެޗު ވަނީ ގެއްލިފައެވެ. 

ކިޔުންތެރިންގެ ހިޔާލު