ENGLISH
04 ޖޫން 2025
ލީގު ކަޕް: ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން ޓޮޓްނަމް މޮޅުވެއްޖެ
09 ޖެނުއަރީ 2025
|
ލިވަޕޫލް ކޮޅަށް ލަނޑުޖެހުމަށްފަހު ބާގްވާލް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގެ ފަހު ވަގުތު ލޫކަސް ބާގްވާލް ވައްދާލި ލަނޑާއެކު ލިވަޕޫލް އަތުން 1-0 އިން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވެއްޖެއެވެ.
މިއީ ލިވަޕޫލްގެ މިހާރުގެ ކޯޗު، އާނޭ ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމު މިހާތަނަށް ބަލިވި ދެވަނަ ފަހަރެވެ. އަދި، މިއީ ހުރިހާ މުބާރާތެއްގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު 24 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ.
ޓޮޓްނަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެށިތާ ކުރީކޮޅު އެ ޓީމުގެ މެދުތެރެއަށް ކުޅެމުން އަންނަ އުރުގުއޭގެ މިޑްފީލްޑަރު، ރޮޑްރިގޯ ބެންޓަންކޫރަށް ދިމާވި ސީރިއަސް އަނިޔާއަކާ ގުޅިގެން ވަނީ ސްޓްރެޗަރުގައި ދަނޑުން ބާލައިފައެވެ. އެއަށްފަހު، ހޮސްޕިޓަލަށް ގެންގޮސް އޭނާ އަށް ވަނީ ފަރުވާ ދީފައެވެ. ފަހުން ޓޮޓްނަމުން ވަނީ ބެންޓަންކޫރްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައެވެ.
ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 86 ވަނަ މިނެޓުގައި ޓޮޓްނަމަށް ކާމިޔާބުކޮށްދިނީ ސްވިޑެންގެ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު، ބާގްވާލް އެވެ.
މި ގޯލާ ގުޅޭގޮތުން ލިވަޕޫލްގެ ކުޅުންތެރިން ވަނީ، މެޗަށް ފަހު ނުރުހުން ފާޅުކޮށްފައެވެ. އެއީ، މެޗުގެ 68 ވަނަ މިނެޓުގައި ބާގްވާލް އަށް ރީނދޫ ކާޑު ދައްކާފައިވާއިރު، ޓޮޓްނަމް މޮޅުވި ލަނޑު ޖެހުމުގެ ކުޑައިރުކޮޅެއް ކުރީން ލިވަޕޫލްގެ ޑިފެންޑަރު، ކޮސްޓާސް ސިމިކާސް އަށް އޭނާ ކުރި ފައުލަކަށް ރީނދޫ ކާޑު ނުދެއްކުމުންނެވެ. ރެފްރީގެ މި ނިންމުމާ ގުޅޭގޮތުން، ލިވަޕޫލްގެ ކެޕްޓަން، ވާޖިލް ވެން ޑައިކް ވަނީ، ބާގްވާލް އަކީ އެ މެޗު ފުރިހަމަ ކުރެވިގެން ވާނެ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ.
މި ކަމާ ގުޅިގެން ލިވަޕޫލްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ، ބާގްވާލް އެ ލަނޑުޖެހިއިރު ސިމިކާސް ހުރީ ދަނޑު ބޭރުގައި ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ކަމަށްވުމުންނެވެ. އަދި، މެޗަށްފަހު، ލިވަޕޫލްގެ ކޯޗު، ސްލޮޓް ވެސް ވަނީ ޓޮޓްނަމްގެ ބާގްވާލް ކުރި ފައުލަށްފަހު އޭނާ އަކީ ދަނޑުމަތީގައި ހުރެގެންވާނެ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ.
މުބާރާތުގެ ސެމީގެ ދެވަނަ ލެގުގައި ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ޓޮޓްނަމްއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗު އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ ހަތެއްގައެވެ.