ENGLISH

04 ޖޫން 2025

Advertisement

ފުރަތަމަ ލެގުގައި އާސެނަލް ބަލިކޮށް، ނިއުކާސަލް ލީގު ކަޕްގެ ފައިނަލާ ގާތަށް

08 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ނިއުކާސަލްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި އެ ޓީމު 2-0 އިން ބަލިކޮށް، ނިއުކާސަލް ޔުނައިޓެޑް އެ މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

މި މެޗަށް ނުކުތްއިރު ހުރިހާ މުބާރާތެއްގައި އާސެނަލް އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް އެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އޭގެތެރޭގައި، އެ ޓީމުގެ ވިންގް، ގެބްރިއެލް މާޓިނެލީ ފޮނުވާލި ބޯޅައެއް ގޯލްގެ ދަނޑިއަށް އަމާޒުވެފައިވާއިރު، ގޯލް ކުރިމަތީގައި ހުހަށްހުރެ ޔޫރިއެން ޓިމްބާ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ނިއުކާސަލުން ލީޑު ނެގީ ޖޭކޮބް މާފީ ދިން ބޯޅައަކުން އެ ޓީމުގެ ސްވިޑެން ފޯވާޑް، އަލެކްސެންޑާ އިސާކް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމަށް އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި އޭނާ ޖެހި 10 ވަނަ ލަނޑެވެ. އަދި، މިއީ ނިއުކާސަލް އަށް އިސާކް ކުޅެދިން 89 މެޗުގައި ޖެހި 50 ވަނަ ގޯލު ވެސް މެއެވެ. 

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު، ނިއުކާސަލްގެ ދެވަނަ ލަނޑު ޖަހައިދިނީ އިނގިރޭސި ވިންގް، އެންތަނީ ގޯޑަން އެވެ. މި ލަނޑުގައިވެސް އިސާކްގެ ދައުރު ބޮޑެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އިސާކް ފޮނުވާލި ބޯޅައެއް އާސެނަލްގެ ކީޕަރު، ޑޭވިޑް ރާޔާ ދިފާއުކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ގޯޑަން އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މުބާރާތުގެ ދެވަނަ ސެމީގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލުން ރަށުން ބޭރުގައި މިރޭ ނުކުންނާނީ ޓޮޓްނަމް ހޮޓްސްޕަރއާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު