ENGLISH

04 ޖޫން 2025

Advertisement

ސިފައިން އަތުން ބަލިވިޔަސް އެޗްޑީސީ ފައިނަލަށް

08 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސިފައިންނާ ދެކޮޅަށް އެޗްޑީސީ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޒަލަފް / އެމްއެމް

ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު މެޗުގައި ދިވެހި ސިފައިންގެ ކުލަބު އަތުން ބަލިވިޔަސް ކުލަބު އެޗްޑީސީ އިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު، އެޗްޑީސީ ވަނީ އެއްވަނަ ޓީމުގެ ގޮތުގައި ލީގު ބުރު ނިންމާލައިފައެވެ. ދެވަނައިގައި އޮތް ސްޕޯޓްސް ކުލަބު ސިޓީ އާއި ތިންވަނައިގައި އޮތް ސިފައިން ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. ފުލުގައި އޮތީ ބްލޫސް ފޯރ ވޮލީބޯލް އެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުން ސިފައިން މޮޅުވީ ފަހަތުން އަރައި 3-2 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު 25-13 އާއި 25-21 އިން އެޗްޑީސީ ގެންގޮސްފައިވަނިކޮށް، ސިފައިން ވަނީ ދެން ޖެހިގެންއައި ތިން ސެޓުން 25-20، 30-28، އަދި 15-12 އިން ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ މުޙައްމަދު ހަމަދު އެވެ.

މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ބްލޫސް ފޯރ ވޮލީބޯލް އަތުން ސިޓީ ވަނީ 3-1 ސެޓުން މޮޅުވެފައެވެ.

ބްލޫސް ފޯރ ވޮލީބޯލް އިން ފުރަތަމަ ސެޓު 25-21 އިން ގެންގޮސްފައިވަނިކޮށް، ސިޓީން ވަނީ ދެން ޖެހިގެންއައި ތިން ސެޓު 25-22، 25-16، އަދި 26-24 އިން ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިޓީގެ ކޮހެއި ޔަނަގިސާވާ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި ސިޓީ އާއި ސިފައިން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރެ އެވެ. އަދި، މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު