ENGLISH
04 ޖޫން 2025
ވުލްވްސް އަތުން ހޯދީ މޮޅާއެކު، ފޮރެސްޓް ފަރަގު ކުޑަކޮށްފި
07 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ފޮރެސްޓްގެ ގިބްސް-ވައިޓް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
އިނގިރޭސި ޕްރިމިއަރ ލީގުގައި ވުލްވްސް 3-0 އިން ބަލިކޮށް، ނޮޓިންގހަމް ފޮރެސްޓް ތަފާތު ކުޑަކޮށްފި އެވެ.
މި ނަތީޖާއާ އެކު، ފޮރެސްޓް ވަނީ ތާވަލްގެ ތިންވަނައަށް ޖެހިލައިފައެވެ. އެއްވަނައިގައި އުޅޭ ލިވަޕޫލާއި ފޮރެސްޓާ ދެމެދު އޮތީ ހަ ޕޮއިންޓްގެ ފަރަގެކެވެ. ލިވަޕޫލަށް 19 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ދެވަނައިގައި އުޅޭ އާސެނަލްގެ އިތުރުން ތިންވަނައިގައި އޮތް ފޮރެސްޓަށް ވެސް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 40 ޕޮއިންޓެވެ. އާސެނަލަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.
މިއީ މިދިޔަ 46 އަހަރުގެ ތެރޭގައި އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ފޮރެސްޓް ޖެހިޖެހިގެން ހަ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މީގެކުރީން، 1979 ވަނަ އަހަރު އޭރުގެ ކޯޗު، ބްރަޔަން ކްލަފްގެ އިރުޝާދުގެ ދަށުން ފޮރެސްޓް ވަނީ ލީގުގައި ޖެހިޖެހިގެން ހަ މެޗު ކާމިޔާބުކޮށްފައެވެ.
ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ފޮރެސްޓުން ލީޑު ނެގީ އިނގިރޭސި މިޑްފީލްޑަރު، މޯގަން ގިބްސް-ވައިޓް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ވުލްވްސް އަށް ކުރީން ކުޅެފައިވާ ގިބްސް-ވައިޓް މި ފަހަރުގެ ސީޒަނުގެ ލީގުގައި ޖެހި ހަތަރުވަނަ ގޯލެވެ. އޭނާ ވަނީ ލީގުގައި އެ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ލަނޑު ޖަހައިފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް، ފޮރެސްޓްގެ ދެވަނަ ލަނޑު ޖަހައިދިނީ ކްރިސް ވުޑް އެވެ. އޭނާ މި ލަނޑުޖެހީ ކެލުމް ހަޑްސަން-އޮޑޯއީ ދިން ބޯޅައަކުންނެވެ. މިއީ ލީގުގައި ވުޑް ޖެހި 12 ވަނަ ގޯލެވެ. މި ގޯލާއެކު ފޮރެސްޓުން ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
ފޮރެސްޓުން ޖެހި ތިންވަނަ ލަނޑު، އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ނައިޖީރިއާ ފޯވާޑް، ޓައިވޯ އަވޮނިއީ އެވެ. މިއީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުން އަވޮނިއީ ޖެހި ފުރަތަމަ ގޯލެވެ.
މި މެޗުން ބަލިވި ވުލްވްސް އޮތީ 17 ވަނައިގައެވެ. ވުލްވްސް އަށް 20 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނަށްވުރެ މަތީގައި އެ ޓީމު އޮތީ ފައިދާ ގޯލްގެ ތަފާތުންނެވެ.