ENGLISH

04 ޖޫން 2025

Advertisement

ޑިޕޯޓިވާ މިނެރާ ބަލިކޮށް ރެއާލުން ގަދަ 16 ގެ ބުރަށް

07 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރެއާލަށް ލަނޑުޖަހައިދިނުމަށް ފަހު ގުލާ (ކ) އާއި ވަލްވާޑޭ (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ބީއިންގސްޕޯޓްސް

ސްޕެއިނުގެ ހަތަރުވަނަ ޑިވިޝަނުގެ ޑިޕޯޓިވާ މިނެރާ 5-0 އިން ބަލިކޮށް، ރެއާލް މެޑްރިޑު, ކޮޕަ ޑެލް ރޭގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.

ރެއާލްގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައި ނުކުތް މި މެޗުގައި އެ ޓީމުން ވަނީ އެންމެ ފަހުން ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ދިހަ ބަދަލެއް ގެނެސްފައެވެ. އެގޮތުން، އެ މެޗުގައި ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމެނުނު އުރުގުއޭ މިޑްފީލްޑަރު، ފެޑެރީކޯ ވަލްވާޑޭ ފިޔަވައި އެހެން ކުޅުންތެރިއަކު ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނެއެވެ.

ރޭގެ މެޗުގައި ރެއާލުން ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ގޯލް ޖަހައިދިނީ ތުރުކީގެ މިޑްފީލްޑަރު، އާޑާ ގުލާ އެވެ.

ޑިޕޯޓިވާ މިނެރާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ރެއާލުން ލީޑު ނެގީ ވަލްވާޑޭގެ ގޯލުންނެވެ. އޭގެފަހުން، މެޗުގެ 13 ވަނަ މިނެޓުގައި ފްރާންސްގެ މިޑްފީލްޑަރު، އެޑުއާޑޯ ކަމަވިންގާގެ ގޯލުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައިވަނިކޮށް، 28 ވަނަ މިނެޓުގައި ގުލާ ކާމިޔާބުކުރި ގޯލާއެކު ރެއާލުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަނަ މިނެޓުގައި ރެއާލްގެ ކެޕްޓަން، ލޫކަ މޮޑްރިޗްގެ ލަނޑާއެކު އެ ޓީމު ލީޑު އިތުރަށް ފުޅާކުރިއެވެ. ރެއާލްގެ ފަސްވަނަ ލަނޑު، 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ގުލާ އެވެ.

ރެއާލަށް ދެން އޮތީ ސްޕެނިޝް ސުޕަ ކަޕްގައި މި މަހުގެ 10 ވާ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި މަޔޯކާއާ ބައްދަލުކުރާ މެޗެވެ.                 

ކިޔުންތެރިންގެ ހިޔާލު