ENGLISH

04 ޖޫން 2025

Advertisement

އިންޓަރ ބަލިކޮށް މިލާނުން ސުޕަ ކަޕް ކާމިޔާބުކޮށްފި

07 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އޭސީ މިލާންގެ ކުޅުންތެރިން ސުޕަ ކަޕް ތަށްޓާއެކު. --ފޮޓޯ: އޭޕީ

ފަހަތުން އަރައި ވާދަވެރި އިންޓަރ މިލާން 3-2 އިން ބަލިކޮށް، އިޓާލިއަން ސުޕަ ކަޕް އޭސީ މިލާން ކާމިޔާބުކޮށްފިއެވެ.

މިއީ މިލާނުން ސުޕަ ކަޕް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ. އިންޓަރ ވެސް ވަނީ މި އަދަދަށް މުބާރާތް ކާމިޔާބުކޮށްފައެވެ. މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޔުވެންޓަސް ވަނީ ނުވަ ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ހުންނަ އަލް-އައްވަލް ޕާކުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިންޓަރ އަށް ލީޑު ނަގައިދިނީ ކެޕްޓަން، ލަޓާރޯ މާޓިނޭޒް އެވެ. މާޓިނޭޒް މި ލަނޑުޖެހީ އެ ޓީމުގެ އިރާން ފޯވާޑް، މެހްދީ ތަރޭމީ ހުސްކޮށްލާފަ ދިން ޕާހަކުންނެވެ. މި ގޯލާއެކު އިންޓަރ އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އިންޓަރގެ ނެދަލެންޑްސް ޑިފެންޑަރު، ސްޓެފަން ޑެވްރައި ދިން ލޯންގް ބޯލްއެއްގެ އެހީގައި ތަރޭމީ ވަނީ އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މެޗުގެ 52 ވަނަ މިނެޓުގައި މިލާނުން ފަރަގު ކުޑަކުރީ ލިބުނު ހިލޭޖެހުމަކުން ފްރާންސްގެ ޑިފެންޑަރު، ތިއޯ ހެނާންޑޭޒް އެވެ. މިއީ ދެވަނަ ހާފުގެ ކުރީކޮޅު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެ ޓީމުގެ ޕޯޗުގީޒް ފޯވާޑް، ރަފައެލް ލެއާއޯ އަށް ޕެނަލްޓީ އޭރިޔާ ބޭރުން އިންޓަރގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ހިލޭޖެހުމެކެވެ.

އޭގެފަހުން، މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް މިލާނަށް ނަތީޖާ އެއްވަރުކޮށްދިނީ ހެނާންޑޭޒް ނަގައިދިން ހުރަހަކުން އެމެރިކާގެ ފޯވާޑް، ކްރިސްޓިއަން ޕުލިސިޗް އެވެ. އަދި، އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ލެއާއޯ ދިން ބޯޅައަކުން މިލާން މޮޅުކޮށްދިނީ ޓެމީ އެބްރަހަމް އެވެ.

މިއީ ދާދިފަހުން މިލާންގެ ކޯޗު ކަމާ ހަވާލުވި، ޕޯޗުގަލްގެ، ކޮންސެސާއޯ އެ ޓީމާއެކު ނުކުތް ދެވަނަ މެޗެވެ. މިލާންގެ ކޯޗުކަމުން ޕައުލޯ ފޮންސޭކާ ވަކިކުރުމަށްފަހު، ކޮންސެސާއޯ އާއެކު އެ ޓީމުން ކުޅުނު ފުރަތަމަ މެޗަކީ ސުޕަ ކަޕްގެ ސެމީ ފައިނަލްގައި ޔުވެންޓަސް އަތުން މޮޅުވި މެޗެވެ. މިއާއެކު، ކޮންސެސާއޯ މިވަނީ މިލާނާއެކު މިހާތަނަށް ނުކުތް ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު