ENGLISH

10 އޭޕްރީލު 2025

Advertisement

ޓްރަމްޕަށް ހުކުމް ކުރުން ފަސްކުރެވެން ނެތް ކަމަށް ކޯޓުން ނިންމައިފި

07 ޖެނުއަރީ 2025

|

ހަސަން އާމިރު

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުކުމް ކުރުން ފަސްކުރެވެން ނެތް ކަމަށް ނިއު ޔޯކުގެ ކޯޓުން ނިންމައިފިއެވެ.

ޓްރަމްޕްގެ މައްޗަށް ރިޝްވަތު ދިނުމާއި، ޚިޔާނާތް ފޮރުވަން މަސައްކަތް ކުރެއްވުމުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

އެ މަނިކުފާނުގެ މައްޗަށް ހުކުމް ކުރަން ކޯޓުން ތާވަލުކުރީ އަންނަ ހުކުރު ދުވަހަށެވެ. ޓްރަމްޕް ރައީސްކަމުގެ ހުވާކުރެއްވުމަށް ހަމަޖެހިފައިވަނީ އޭގެ 10 ދުވަސް ފަހުން، މި މަހުގެ 20 ވަނަ ދުވަހެވެ.

އެއާ އެކު ޓްރަމްޕްގެ ވަކީލުންގެ ޓީމުން ވަނީ ހުކުމް ކުރުން، ހުވާ ކުރެއްވުމުގެ ފަހަށް ތާވަލުކުރަން ކޯޓުގައި އެދިފައެވެ.

ނަމަވެސް، އެ މައްސަލަ ބައްލަވައި ފަނޑިޔާރު ވިދާޅުވީ، ޓްރަމްޕްގެ ފަރާތުން ހުކުމް ކުރުން ފަސްކުރަން އެކަށީގެންވާ ސަބަބެއް ބަޔާންކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން، މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިޢުނާފު ހުށަހަޅައި، އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު، ހުކުމް ކުރުން ފަސްކުރެވެން ނެތް ކަމަށް ފަނޑިޔާރު ވަނީ ނިންމަވައިފައެވެ.

ޓްރަމްޕްގެ މައްޗަށް ދަޢުވާ އުފުލީ، އޮރިޔާންކާޑު އުފައްދާ އަންހެނެއް ކަމުގައިވާ ސްޓޯމީ ޑެނިޔެލްސް އާ އެކު ބޭއްވި ނަހަމަ ގުޅުންތައް ފޮރުވަން ރިޝްވަތު ދިނުމާއި، އެ މުޢާމަލާތް ސިއްރު ކުރުމަށް ވިޔަފާރީގެ ލިިޔެކިޔުންތައް އޮޅުވައިލެއްވި ކަމަށް ތުހުމަތުކޮށެވެ.

އެ މުޢާމަލާތް ހިންގާފައި ވަނީ 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. ޑެނިޔެލްސަށް ޓްރަމްޕް ރިޝްވަތު ދެއްވާފައި ވަނީ ރިޔާސީ ރޭހުގައި ކުރިއެރުން ހޯދުމަށް، އޭނާއާ ގުޅޭ މަޢުލޫމާތުތަކެއް ސިއްރު ކުރުމުގެ ބޭނުމުގައެވެ.

މި މައްސަލައާ ގުޅޭ ޖުމްލަ 34 ދަޢުވާ ޓްރަމްޕްގެ މައްޗަށް ސާބިތުވާ ކަމަށް ޖޫރީން ވަނީ ނިންމާފައެވެ.

ނަމަވެސް، ޓްރަމްޕްގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމަކަށް ނުބެލެވެއެވެ. އެކަމުގެ އިޝާރާތެއް ފަނޑިޔާރު ވެސް ވަނީ ދެއްވައިފައެވެ.

ނަމަވެސް، ރައީސްކަމާ ޓްރަމްޕް ވެރިކަމާ ޙަވާލުވެވަޑައިގަންނަވާނީ، ޖިނާއީ ކުށެއް ސާބިތުވެފައިވާ ކުށްވެރިއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު