ENGLISH
04 ޖޫން 2025
ލާޒިއޯ ބަލިކޮށް ރޯމާ ހަމަޖެހިލައިފި
06 ޖެނުއަރީ 2025
|
ރޯމާގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް
އިޓާލިއަން ލީގުގެ ވާދަވެރި 'ރޯމް ޑާބީ' ގައި ލާޒިއޯ 2-0 އިން ބަލިކޮށް އޭއެސް ރޯމާ އިން ތާވަލްގެ 10 ވަނަ އަށް ޖެހިލައިފިއެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ރޯމާ މޮޅުވި ތިންވަނަ ފަހަރެވެ. މީގެތެރެއިން، އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން، މިއީ ލީގުގައި ލާޒިއޯ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވި ދެވަނަ މެޗެވެ.
ރޯމާގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ވިއްސަކަށް މިނެޓުގެ ތެރޭގައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ރޯމާ އިން ލީޑު ނެގީ ޕެނަލްޓީ އޭރިޔާ ރޮނގު ކައިރިން އެ ޓީމުގެ ކެޕްޓަން، ލޮރެންޒޯ ޕެލެގްރިނީ ވައްދާލި ގޯލުންނެވެ.
އޭގެފަހުން، މެޗުގެ 18 ވަނަ މިނެޓުގައި ރޯމާގެ ދެވަނަ ލަނޑު، ކައުންޓަރއެޓޭކެއްގައި ކާމިޔާބުކޮށްދިނީ އަލެކްސިސް ސައެލެމޭކާސް އެވެ.
މި ނަތީޖާއާއެކު، ރޯމާ ވަނީ 19 މެޗުން 23 ޕޮއިންޓް ހަމަކޮށްފައެވެ. އެ ޓީމު އޮތީ ތާވަލްގެ 10 ވަނައިގައެވެ.
މި މެޗުން ބަލިވި ލާޒިއޯ އަދިވެސް އުޅެނީ ލީގުގެ ހަތަރު ވަނައިގައެވެ. ލާޒިއޯ އަށް 19 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ.
މިއީ ރޯމާގެ މިހާރުގެ ކޯޗު، ކްލައުޑިއޯ ރަނިއޭރީގެ އިރުޝާދުގެ ދަށުން އެ ޓީމު ކާމިޔާބުކުރި ފަސްވަނަ 'ރޯމް ޑާބީ' އެވެ. ރަނިއޭރީގެ ކޯޗުކަމުގައި މިހާތަނަށް އެންމެ 'ރޯމް ޑާބީ' އަކުން ވެސް ބަލިވެފައެއް ނުވެއެވެ. މިއީ ރޯމާގެ ކޯޗުކަމާ ރަނިއޭރީ ހަވާލުވި ތިންވަނަ ފަހަރެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މޮންޒާގެ ދަނޑުގައި އެ ޓީމު އަތުން ކަލިއާރީ މޮޅުވީ 2-1 އިންނެވެ. ޓޮރީނޯ އާއި ޕާމާ ބައްދަލުކުރި މެޗާއި، ލެއްޗެއާ ދެކޮޅަށް ޖެނޯއާ ކުޅުނު މެޗު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.