ENGLISH

04 ޖޫން 2025

Advertisement

މޮނާކޯ ބަލިކޮށް ޕީއެސްޖީން ސުޕަ ކަޕް ކާމިޔާބުކޮށްފި

06 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޕީއެސްޖީގެ ކުޅުންތެރިން ފްރެންޗް ސުޕަ ކަޕްގެ ޓްރޮފީ އާއެކު. --ފޮޓޯ: އޭޕީ

އިތުރު ވަގުތުގެ ތެރޭގައި އޮސްމާނޭ ޑެމްބެލޭ ވައްދާލި ލަނޑާއެކު މޮނާކޯ 1-0 އިން ބަލިކޮށް، ޕީއެސްޖީ ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިއީ ޕީއެސްޖީން މި މުބާރާތް ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މުބާރާތް 13 ފަހަރު ކާމިޔާބުކޮށްގެން އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް ޕީއެސްޖީންނެވެ. އަދި، މިއީ މިދިޔަ 12 އަހަރުގެ ތެރޭގައި ޕީއެސްޖީން ފްރެންޗް ކަޕް ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. މީގެއިތުރުން، މިއީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި މޮނާކޯ އަތުން ޕީއެސްޖީ މޮޅުވި ދެވަނަ ފަހަރެވެ. ލީގުގައި މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-2 އިންނެވެ.

ދޯހާގެ ސްޓޭޑިއަމް 974 ގައި ކުޅުނު މި މެޗުގައި ޕީއެސްޖީން ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާއިރު، ނުވަ ހަމަލާއެއް ވަނީ ގޯލަށް އަމާޒުކޮށް ފޮނުވާލައިފައެވެ.

މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގެ ތެރޭގައި، ޕީއެސްޖީ މޮޅުވި ލަނޑުޖަހައިދިނީ ޑެމްބެލޭ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު، ފަބިއަން ރުއީޒް ދިން ޕާހަކުންނެވެ.

މޫނުމައްޗަށް މިދިޔަ މަހުގެ ތެރޭގައި ލިބުނު އަނިޔާއަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ޕީއެސްޖީގެ ކީޕަރު، ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ މޮނާކޯގެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ހުއްޓުވައިފައެވެ.

ރޭގެ މެޗުން ބަލިވި މޮނާކޯ ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައެވެ. އެ ޓީމު އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2000 ވަނަ އަހަރު އެވެ. އޭގެފަހުން، 2017 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ރަނަރަޕް މަގާމު ހާސިލްކޮށްފައިވެއެވެ. އެ ދެ ފަހަރު ވެސް އެ ޓީމު ބަލިވީ ޕީއެސްޖީ އަތުންނެވެ.

ކިޔުންތެރިންގެ ހިޔާލު