ENGLISH

04 ޖޫން 2025

Advertisement

ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލުން ފުރުޞަތު ނަގާލައިފި

06 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ލިވަޕޫލާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާ 2-2 އިން އެއްވަރުވެ، ލިވަޕޫލުން ތާވަލްގެ އެއްވަނައިގައި ލީޑު ފުޅާކުރަން ލިބުނު ފުރުޞަތު ރޭ ނަގާލައިފިއެވެ.

މި ނަތީޖާއާއެކު، އަދިވެސް އެއްވަނައިގައި އުޅެނީ ލިވަޕޫލެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. ދެވަނައިގައި އޮތް އާސެނަލަށް 20 މެޗުން ލިބިފައިވަނީ 40 ޕޮއިންޓެވެ. ތިން ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތް ނޮޓިންގހަމް ފޮރެސްޓަށް ބާކީ މެޗެއް އެބައޮތެވެ.

ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިންމާލީ ދެ ޓީމަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތްވަނަ މިނެޓުގައި ޔުނައިޓެޑުން ލީޑު ނެގީ އާޖެންޓީނާ ޑިފެންޑަރު، ލިސަންދްރޯ މާޓިނޭޒް ކާމިޔާބުކުރި ގޯލުންނެވެ. އޭގެ ހަތް މިނެޓުފަހުން، ލިވަޕޫލުން އެއްވަރުކުރީ ކޯޑީ ގަކްޕޯ ވައްދާލި ހިތްގައިމު ލަނޑުންނެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީއަކުން މިސްރުގެ ފޯވާޑް، މުޙައްމަދު ސަލާހު އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ޔުނައިޓެޑްގެ ޑިފެންޑަރު، މަތައިސް ޑި ލިޓްގެ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް އިން ޗެކްކޮށް އަދި ދަނޑުގައި ހުރި މޮނީޓަރުން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޔުނައިޓެޑަށް ލަނޑުޖަހައިދިނުމަށްފަހު މާޓިނޭޒް އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

މި ގޯލާއެކު ސަލާހު ވަނީ ލީގުގެ ލަނޑު ލިސްޓުގައި އާސެނަލްގެ ލެޖެންޑަރީ ފޯވާޑް، ތިއެރީ އޮންރީގެ ގޯލުގެ އަދަދާ ހަމަކޮށްފައެވެ. މި ދެ ކުޅުންތެރިން ވެސް ލީގުގައި ޖެހި ލަނޑުގެ އަދަދަކީ 175 އެވެ.

މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް، ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އަމަދު ޑިއާލޯ އެވެ. އޭނާ މި ލަނޑުޖެހީ ފަހު ހާފުގައި ކުޅެން ނުކުތް އަލެހަންދްރޯ ގާނާޗޯ އަރިމަތިން ނެގި ހުރަހެއްގެ އެހީގައި ޕެނަލްޓީއޭރިޔާ ތެރެއިން ފޮނުވާލި ބޯޅައަކުންނެވެ.

އޭގެފަހުން، މެޗުން ޔުނައިޓެޑް މޮޅުކޮށްދޭން އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގެ ތެރޭގައި ހެރީ މެގުއާ އަށް ލިބުނު ފުރުޞަތުގެ ބޭނުމެއް ނުހިފުނެވެ. އެ ޓީމުގެ ނެދަލެންޑްސް ފޯވާޑް، ޖޯޝުއާ ޒާކްޒީ ނަގައިދިން ހުރަހަކުން މެގުއާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ފުލަމްގެ ދަނޑުގައި އެ ޓީމުން ވަނީ 2-2 އިން އިޕްސްވިޗް ޓައުންއާ އެއްވަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު