ENGLISH
04 ޖޫން 2025
ޤައުމީ ވޮލީ މުބާރާތް: އެޗްޑީސީ އާއި ސިފައިން ފެށީ މޮޅަކުން
06 ޖެނުއަރީ 2025
|
މީގެކުރީން އެޗްޑީސީ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އެމްއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަން، ކުލަބު އެޗްޑީސީ އާއި ރަނަރަޕް، ދިވެހި ސިފައިންގެ ކުލަބު މޮޅަކާއެކު ފަށައިފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި އެޗްޑީސީން ވަނީ ސީދާ ތިން ސެޓުން ސްޕޯޓްސް ސިޓީ ކުލަބު ބަލިކޮށްފައެވެ.
އެޗްޑީސީން މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 25-21، 25-19، އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޗްޑީސީގެ މުބައްޝަރު ރަޒާ އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސިފައިން ވަނީ ސީދާ ތިން ސެޓުން ބްލޫސް ފޯރ ވޮލީބޯލް ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރި ކުޅުމަކަށްފަހު ސިފައިން ކާމިޔާބުކުރީ 25-23 އިންނެވެ. އެކަމަކު، ދެވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއް ނެތި، 25-15 އިން ސިފައިން ކުރިހޯދިއެވެ. އަދި، ތިންވަނަ ސެޓުގައި ވާދަވެރި ކުޅުމަކަށްފަހު ސިފައިން ވަނީ 25-21 އިން ކުރިހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސިފައިންގެ ކުލަބުގު މުޙައްމަދު ވަޤާރު އެވެ.
މި ފަހަރުގެ ޤައުމީ މުބާރާތުގައި ވާދަކުރަނީ، އެންމެ ފަހުގެ ޤައުމީ ވޮލީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނުނު ކުލަބު އެޗްޑީސީ، ދިވެހި ސިފައިންގެ ކުލަބާއި، ސްޕޯޓްސް ސިޓީ ކުލަބު އަދި ބްލޫސް ފޯރ ވޮލީބޯލް އެވެ.
މި މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު އެންމެ ކުރިހޯދާ ޓީމު ސީދާ ފައިނަލަށް ދަތުރުކުރާނެ އެވެ. އެއަށްފަހު، ދެވަނަ އާއި ތިންވަނަ އަށް ދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށްފަހު މޮޅުވާ ޓީމަކަށް ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެ އެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.