ENGLISH
10 އޭޕްރީލު 2025
ފުރަތަމަ ފިޔަވަހީގައި އިޒްރޭލުގެ 34 ރަހީނުން މިނިވަން ކުރަން ޙަމާސް ތައްޔާރު
06 ޖެނުއަރީ 2025
|
ފަލަސްތީނުގެ ޣައްޒާގައި ސުލްޙަ ޤާއިމުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ރަހީނުކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން 34 މީހަކު މިނިވަން ކުރަން ތައްޔާރުކަމަށް ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
އެ ޖަމާޢަތުން މިހެން ބުނެފައިވަނީ، އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ މަޝްވަރާތައް އަލުން ފަށާފައިވަނިކޮށެވެ.
އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އަނެއްކާވެސް މަޑުޖެހުމުގެ ކުރިން، އެ މަޝްވަރާތައް ދުވަހަކު ކުރިއަށް ނުދާ މިންވަރަށް ގޮސްފައިވާ ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.
އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެއެވެ.
ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެއް ހަފްތާއަށް ޙަމަލާތައް ހުއްޓާލައި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ރަހީނުންތަކެއް މިނިވަންކުރުން ފިޔަވައި، 14 މަހަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް ދާއިމީ ޙައްލެއް ހޯދިފައެއް ނުވެއެވެ.
"ރަހީނުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ތެރެއިން އިޒްރޭލުން ހުށަހާޅާ ލިސްޓުން 34 ރަހީނުން މިނިވަންކުރަން ޙަމާސްއިން މިހާރު ވަނީ އެއްބަސްވެފައި،" ނަން ނުޖަހަން ޝަރުތުކޮށް އެ އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް، ޙަމާސްއިން ރަހީނުކޮށްފައި ތިބި މީހުންގެ ތަފްޞީލީ ލިސްޓެއް އަދި ޙިއްސާކޮށްފައިނުވާ ކަމަށް އިޒްރޭލުން ބުންޏެވެ.
ޤަތަރުގައި ސުލްޙައިގެ މަޝްވަރާތައް ކުރިއަށްދާއިރު ވެސް، އިޒްރޭލުން ދަނީ ހުއްޓުމެއްނެތި ޣައްޒާއަށް ޙަމަލާތައް ދެމުންނެވެ.
އިޒްރޭލުގެ އިސްތިޢުމާރީ ފައުޖުން ފަލަސްތީނުގައި ހިންގާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް ތެދުވެ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ޙަމާސް ޖަމާޢަތުން އިޒްރޭލު ތެރެއަށް ވަދެގަނަ ދިން ކުއްލި ޙަމަލާތަކަށްފަހު އިޒްރޭލުގެ 251 މީހަކު ރަހީނުކުރިއެވެ.