ENGLISH

10 އޭޕްރީލު 2025

Advertisement

އަމިއްލަ ޕާޓީގެ ތާއީދު ފަނޑުވެ، ކެނެޑާގެ ބޮޑުވަޒީރު ޓްރޫޑޯ އިސްތިޢުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް

06 ޖެނުއަރީ 2025

|

ހަސަން އާމިރު

ކެނެޑާގެ ވެރިކަންކުރާ ލިބަރަލް ޕާޓީގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާ މެދު އޮތް ހިތްހަމަނުޖެހުން ބޮޑުވެ، މަޤާމުން އިސްތިޢުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓްރޫޑޯ ނިސްބަތްވެވަޑައިގަންނަވާ ލިބަރަލް ޕާޓީގެ އިސް ތިން މެމްބަރަކާ ޙަވާލާދީ އެ ޤައުމުގެ ގްލޯބް ނޫހުން ބުނީ، އެ މަނިކުފާނު މިއަދުގެ ވަގުތެއްގައި އިސްތިޢުފާ އިޢުލާނުކުރެއްވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ. އެއީ އަންނަ އާންމު އިންތިޚާބުގައި ލިބަރަލް ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ބައްދަލުވުމުގެ ކުރިން ކަމަށް އެ ނޫހުން ބުންޏެވެ.

އެ ބައްދަލުވުން ތާވަލުކޮށްފައިވަނީ އަންނަ ބުދަ ދުވަހަށެވެ.

ފާއިތުވި މަސްތަކުގައި ޓްރޫޑޯގެ މަޤުބޫލުކަން ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. އެ މަނިކުފާނު މަޤާމުން ވަކިކުރަން އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް ވެސް ވައްދައި، ވޯޓުން ހަނި ފަރަގަކުން ސަލާމަތްވެވަޑައިގެންނެވިޔަސް، އިސްތިޢުފާ ދެއްވުމަށް އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ގޮވާލަމުންނެވެ.

ނަމަވެސް، އަންނަ އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބާ ހަމައަށް މަޤާމުގައި ހުންނަވާނެ ކަމަށް ޓްރޫޑޯ މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ ގޮތުން ޓްރޫޑޯއަށް ފިއްތުންތައް ކުރިމަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކެނެޑާއިން އެތެރެކުރާ މުދަލުން 25 ޕަސެންޓުގެ ޑިޔުޓީއަށް ނަގާނެ ކަމަށް އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، އެކަމާ ދެކޮޅަށް އެކަށީގެންވާ ޕްލޭނެއް ހެދިފައި ނެތުން ހިމެނެއެވެ.

އެ ދެބަސްވުންތަކުގައި، ކެނެޑާގެ ބޮޑުވަޒީރުގެ ނައިބު ކްރިސްޓިއާ ފްރީލެންޑް ވަނީ މިދިޔަ މަހު އިސްތިޢުފާ ދެއްވައިފައެވެ. އަމިއްލަ ކެބިނެޓުގެ ތެރޭގައި އޮތް ހިތްހަމަނުޖެހުންތައް ހައްލު ކުރައްވަން، ޓްރޫޑޯ ވަނީ ކެބިނެޓުގެ ތިން ބައި ކުޅަ އެއް ބައި ބަދަލުކުރައްވައިފައެވެ.

ކެނެޑާގެ ވެރިކަމަށް 2015 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި ޓްރޫޑޯ އޭގެފަހުން ވަނީ 2019 އަދި 2021 ގެ އިންތިޚާބު ލިބަރަލް ޕާޓީއަށް ކާމިޔާބުކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު