ENGLISH

04 ޖޫން 2025

Advertisement

ލެނާޑް އެނބުރިއައި މެޗުން ހޯކްސް އަތުން ކްލިޕަރސް މޮޅުވެއްޖެ

05 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ހޯކްސްގެ ޔަންގް (ކ) ކައިރިން ބޯޅަ ހިފައިގެންދާން ކްލިޕަރސްގެ ލެނާޑް (ވ) މަސައްކަތްކުރަނީ. --ފޮޓޯ: އޭޕީ

އަނިޔާއަށް ފަހު ކޯހީ ލެނާޑް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި އެޓްލާންޓާ ހޯކްސް އަތުން ލޮސް އެންޖެލަސް ކްލިޕަރސް މޮޅުވެއްޖެއެވެ.

މި މެޗުން ކްލިޕަރސް މޮޅުވީ 131-105 އިންނެވެ.

ކެލިފޯނިއާގައި ހުންނަ އިންޓުއިޓް ޑޯމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރގައި ޕޮއިންޓެއްގެ ތަފާތަކުން، 29-28 އިން ކްލިޕަރސް ކުރިހޯދިއިރު، ދެވަނަ ކުއާޓަރގައި ވެސް ވަނީ 19 ޕޮއިންޓްގެ ލީޑެއް ނަގައި، 45-26 އިން ކުރި ހޯދައިފައެވެ. މިއާއެކު، އެ ޓީމުން ހާފު ނިންމާލީ 74-54 އިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ދެ ކުއާޓަރ އެކޭ އެއްގޮތަށް ތިންވަނަ ކުއާޓަރގެ އިތުރުން ހަތަރުވަނަ ކުއާޓަރގައި ވެސް ކުރިހޯދީ ކްލިޕަރސް އިންނެވެ. އެ ޓީމުން ތިންވަނަ ކުއާޓަރގައި ދެ ޕޮއިންޓްގެ ލީޑަކާއެކު، 24-22 އިން ކުރިހޯދިއިރު، ފަހު ކުއާޓަރގައި 33-29 އިން ކުރިހޯދިއެވެ.

ކްލިޕަރސްއާ ހޯކްސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

މި މެޗުން ކްލިޕަރސް މޮޅުވިއިރު، ދުވަސްތަކަކަށްފަހު ކުޅުމަށް އެނބުރިއައި ލެނާޑް ވަނީ 19 މިނެޓުގެ ތެރޭގައި 12 ޕޮއިންޓް އެއްކޮށް، ތިން ރީބައުންޑް ނަގައިފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު އިވިޗާ ޒޫބާޗް ވަނީ 18 ޕޮއިންޓާއެކު، 18 ރީބައުންޑް ނަގައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޖޭމްސް ހާޑެން ވެސް ޑަބަލް-ޑަބަލްެއެއް ފުރިހަމަ ކުރިއެވެ. ހާޑެން ވަނީ 10 ޕޮއިންޓާއެކު 15 އެސިސްޓް ހަދައިފައެވެ.

ހޯކްސް އިން އެންމެ ރަނގަޅަށް ކުޅުނު ޓްރޭ ޔަންގް ވަނީ 20 ޕޮއިންޓާއެކު 14 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަ ކޮށްފައެވެ. މީގެއިތުރުން، އެ ޓީމުގެ ޑެ'އަންޑްރޭ ހަންޓަރ ވަނީ 18 ޕޮއިންޓް އެއްކޮށްފައެވެ.

މި މުބާރާތުގައި މިއަދު ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސްޓެފަން ކަރީ ނެތި ގޯލްޑެން ސްޓޭޓް ވޯރިއާސް ވަނީ 121-113 އިން މެމްފިސް ގްރިޒްލީސް ބަލިކޮށްފައެވެ. 

އިތުރު ވަގުތުގައި ޑެންވާ ނަގެޓްސް އަތުން ސަން އެންޓޯނިއޯ ސްޕާސް ބަލިވީ 122-111 އިންނެވެ. ޝިކާގޯ ބުލްސް އަތުން 139-126 އިން ނިއު ޔޯކް ނިކްސް ބަލިވިއިރު، ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ވަނީ 105-102 އިން މިލްވައުކީ ބަކްސް އަތުން މޮޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު