ENGLISH

04 ޖޫން 2025

Advertisement

ފިއޮރެންޓީނާ ބަލިކޮށް ނަޕޯލީ އެއްވަނަ އަށް

05 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ނަޕޯލީގެ މެކްޓޮމިނޭ (ކ) ފިއޮރެންޓީނާގެ ކުޅުންތެރިއެއް ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ޖެހިޖެހިގެން ހޯދީ ހަތަރުވަނަ މޮޅާއެކު، ފިއޮރެންޓީނާ 3-0 އިން ބަލިކޮށް ނަޕޯލީން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާ އެކު ނަޕޯލީ އެއްވަނައިގައި އޮތީ 19 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން 41 ޕޮއިންޓާއެކު ދެވަނައިގައި އެޓަލާންޓާ އޮތްއިރު، 17 މެޗުން ހޯދީ 40 ޕޮއިންޓާއެކު އިންޓަރ މިލާން އޮތީ ތިންވަނައިގައެވެ. ލާޒިއޯ އަށް 18 މެޗުން ލިބުނު 35 ޕޮއިންޓާއެކު އޮތީ ހަތަރު ވަނައިގައެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 29 ވަނަ މިނެޓުގައި ނަޕޯލީން ލީޑު ނެގީ ޑޭވިޑް ނެރޭސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ ފިއޮރެންޓީނާގެ ތިން ޑިފެންޑަރުން ކައިރިން ވަރަށް ރީއްޗަށް ނައްޓާލުމަށް ފަހު ނެރޭސް ކާމިޔާބުކުރި ރީތި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ނުވަ ވަނަ މިނެޓުގައި ނަޕޯލީގެ ދެވަނަ ލަނޑު ޖަހައިދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ 54 ވަަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލުކާކޫ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 68 ވަނަ މިނެޓުގައި ނަޕޯލީގެ ތިންވަނަ ލަނޑުޖަހައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. މިއީ ފިއޮރެންޓީނާގެ ޕިއޮޓްރޯ ކޮމޫޒޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މެކްޓޮމިނޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ޖެހި ހަތަރުވަނަ ގޯލެވެ.

މި މެޗުން ބަލިވި ފިއޮރެންޓީނާ އޮތީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް 18 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު