ENGLISH
18 އޭޕްރީލު 2025
އާސެނަލާއި ޗެލްސީ މޮޅެއް ނުވި، ޓޮޓްނަމް ބަލިވެއްޖެ
05 ޖެނުއަރީ 2025
|
ޗެލްސީއާ ޕެލަސް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލަންޑަންގެ ޓީމުތަކަށް މޮޅެއް ނުހޯދި ނިންމާލަން ޖެހިއްޖެއެވެ.
ޗެލްސީ އާއި އާސެނަލުން ރަށުން ބޭރުގައި ކުޅުނު މެޗުތަކުން އެއްވަރުވިއިރު، ޓޮޓްނަމް ހޮޓްސްޕަރގެ ދަނޑުގައި އެ ޓީމު ވަނީ ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފައެވެ.
ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލަށް ލީޑު ނަގައިދިނީ ޒުވާން މިޑްފީލްޑަރު، އީތަން އެންވަނޭރީ އެވެ. މެޗުގެ 16 ވަނަ މިނެޓުގައި އެންވަނޭރީ މި ލަނޑު ޖެހީ އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ، ޑެކްލަން ރައިސް އާއި މިކޭލް މެރީނޯ ގުޅިގެން އުފެއްދި އެޓޭކަކުންނެވެ. މި ގޯލާއެކު އާސެނަލުން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ބްރައިޓަން އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް އެއްވަރުކޮށްދިނީ ޖާއޯ ޕެޑްރޯ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޕެޑްރޯ އަށް އާސެނަލްގެ ޑިފެންޑަރު، ވިލިއަމް ސަލީބާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ކްރިސްޓަލް ޕެލަސްގެ ދަނޑުގައި އެ ޓީމުން ވަނީ 1-1 އިން ޗެލްސީއާ އެއްވަރުކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ލީޑު ނެގީ ޖޭޑަން ސަންޗޯ ދިން ބޯޅައަކުން ކޯލް ޕާމާ ކާމިޔާބުކުރި ގޯލުންނެވެ.
ރޭގެ މެޗުގައި ބްރައިޓަންގެ ފޯވާޑް، ޖާއޯ ޕެޑްރޯ ޕެނަލްޓީ ސްޕޮޓްމަތިން ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް
މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ޕެލަސް އަށް އެއްވަރުކޮށްދިނީ ޖީން-ފިލިޕް މަޓޭޓާ އެވެ. އޭނާ މި ލަނޑު ޖެހީ އެބެރޭޗީ އެޒޭ ދިން ބޯޅައަކުންނެވެ.
މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޗެލްސީ އަށް މޮޅެއް ނުލިބި ނިންމާލަން ޖެހުނު ހަތަރުވަނަ ފަހަރެވެ. ދެ މެޗުން އެއްވަރުވިއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.
ރޭގެ ނަތީޖާއާއެކު އާސެނަލާއި ޗެލްސީ އަށް ތާވަލްގެ ކުރީގަ އުޅޭ ލިވަޕޫލާ ގާތަށް ޖެހިލަން ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެގެން 45 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް ދެވަނައިގައި އޮތީ 20 މެޗުން 40 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރު ޕޮއިންޓް ފަހަތުން ޗެލްސީ އޮތީ ހަތަރު ވަނައިގައެވެ.
ލީގުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ޓޮޓްނަމްގެ ދަނޑުގައި އެ ޓީމުން ނިއުކާސަލް އަތުން ބަލިވީ 2-1 އިންނެވެ. މި މެޗުގައި ނިއުކާސަލްގެ ލަނޑުތައް ޖަހައިދިނީ އެންތަނީ ގޯޑަން އާއި އަލެކްސެންޑާ އިސާކް އެވެ. ޓޮޓްނަމްގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑޮމިނިކް ސޮލާންކޭ އެވެ.