ENGLISH

18 އޭޕްރީލު 2025

Advertisement

ހާލަންޑްގެ ދެ ލަނޑާއެކު ވެސްޓް ހޭމް އަތުން ސިޓީ މޮޅުވެއްޖެ

05 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ސިޓީގެ ކުޅުންތެރިންނާއެކު ހާލަންޑް (ވ) އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ނޯވޭގެ ފޯވާޑް، އާލިން ހާލަންޑް ވައްދާލި ދެ ލަނޑާ އެކު ވެސްޓް ހޭމް ޔުނައިޓެޑް އަތުން 4-1 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ މޮޅުވެއްޖެއެވެ.

މިއީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން ސިޓީ މޮޅުވި ފުރަތަމަ ފަހަރެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑަކީ ވެސްޓް ހޭމްގެ ޑިފެންޑަރު، ވްލަޑިމިއާ ސޯފާލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ ހާލަންޑް އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ވިންގް، ސަވީނިއޯ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެން ހާލަންޑް ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު ސިޓީން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސަވީނިއޯ ދިން ޕާހަކުން ހާލަންޑް ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލައިފައެވެ. އަދި، އޭގެފަހުން، ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ފިލް ފޯޑެން ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ވިލާގެ ބެއިލީ (ކ) ލެސްޓަރގެ ގޯލަށް ބޯޅަ ފޮނުވާލަނީ. --ފޮޓޯ: ރޮއިޓާސް

މި މެޗުގައި ވެސްޓް ހޭމުން ޖެހި ހަމައެކަނި ލަނޑު، 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ފޯވާޑް، ނިކްލަސް ފުލްކުރުގް އެވެ.

މި ނަތީޖާއާ އެކު ސިޓީ އަދިވެސް އުޅެނީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ ލިވަޕޫލާއި ސިޓީއާ ދެމެދު 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ލިވަޕޫލަށް ބާކީ ދެ މެޗު އެބައޮތެވެ.

މި މެޗުން ބަލިވި ވެސްޓް ހޭމް އޮތީ 13 ވަނައިގައެވެ. އެ ޓީމަށް 20 މެޗުން ލިބިފައި ވަނީ 23 ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެސްޓަން ވިލާގެ ދަނޑުގައި އެ ޓީމުން ވަނީ 2-1 އިން ލެސްޓަރ ސިޓީ ބަލިކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު