ENGLISH

18 އޭޕްރީލު 2025

Advertisement

މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް ސަލާހު ބުނެފި

04 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ލިވަޕޫލްގެ ފޯވާޑް، ސަލާހު. --ފޮޓޯ: ގެޓީ އިމޭޖަސް

ލިވަޕޫލްގެ މިސްރު ފޯވާޑް، މުޙައްމަދު ސަލާހުގެ މުސްތަޤުބަލާ ގުޅޭގޮތުން ދެކެވެމުން އައި ވާހަކަތަކަށް ނިމުމެއް ގެނެސް، މިހާރު ކުރިއަށްދާ ސީޒަނަކީ އެ ކުލަބާއެކު ހޭދަކުރާ ފަހު ސީޒަން ކަމަށް އޭނާ ބުނެފިއެވެ.

ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުނީ، މިހާތަނަށް އައިއިރު އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށާއި، އޭނާގެ ކޮންޓްރެކްޓް ހަމަވާން ބާކީ ހަ މަސް ދުވަސް އޮތުމުން މިހާތަނަށް ފެންނަ ފެނުމަށް މިއީ އެ ކުލަބުގައި ހޭދަކުރާނެ ފަހު ސީޒަން ކަމަށެވެ.

އުމުރުން 32 އަހަރުގެ ސަލާހު ވަނީ، މި ސީޒަން ނިމުމުން ލިވަޕޫލް ދޫކޮށްލާފައި ދާއިރު އެ ކުލަބަށާއި އެ ސިޓީ އަށް ޚާއްޞަ ހަދިޔާއެއް ދޭން ބޭނުންވާ ކަމަށް ބުނެފައެވެ.

އެގޮތުން، މި ވަގުތު 17 ގޯލާއި، 13 އެސިސްޓާއެކު ލީގުގެ ލަނޑު ލިސްޓުގެ އިތުރުން އެސިސްޓް ޗާޓުގެ ވެސް އެންމެ ކުރީގަ އުޅޭ ސަލާހު ބުނީ، މި ސީޒަން ނިންމާލުމަށް ބޭނުން ވަނީ ލިވަޕޫލާއެކު ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ކަމަށެވެ.

"މިއީ މި ކުލަބުގައި ހޭދަކުރާނެ އަހަރެންގެ ފަހު އަހަރަށްވުމުން އަހަރެން ބޭނުމީ މި ފަހަރުގެ ޕްރިމިއަރ ލީގު ކާމިޔާބު ކުރަން. އަހަރެން ބޭނުން މި ހަދިޔާ ކުލަބަށާއި މި ސިޓީ އަށް ދޭން،" ސަލާހު ބުންޏެވެ.

ސަލާހު (މ) ލިވަޕޫލާއެކު ކާމިޔާބުކުރި ޕްރިމިއަރ ލީގު ތަށްޓާއެކު. --ފޮޓޯ: ޕްރިމިއަރ ލީގު

ސަލާހު ވަނީ، 2020 ވަނަ އަހަރުގެ ޕްރިމިއަރ ލީގުގެ ތަށި ހޯދި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ދުވަސްވަރު، އެންމެ ފުރިހަމައަށް އެ ކަމުގެ އުފާ ފާޅުކުރެވޭގޮތް ނުވުމުން މި އަހަރު އަނެއްކާވެސް ލީގު ކާމިޔާބުކޮށް، އެ ފުރުޞަތު ސަޕޯޓަރުންނަށް ހޯދައިދޭން ބޭނުންވާ ކަމަށް ބުނެފައެވެ.

"އަހަރުމެން އެ ތައްޓަށް 30 އަހަރު ވަންދެން އިންތިޒާރުކުރިން، އެކަމަކު އެކަށީގެންވާ ގޮތަށް ފާހަގައެއް ނުކުރެވުނު. އުންމީދުކުރަނީ މި އަހަރު އެކަން ކުރެވޭނެ ކަމަށް،" ސަލާހު ބުންޏެވެ.

މީގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ވާހަކައިގައި  ވެސް، ސަލާހު ވަނީ މި ފަހަރުގެ ސީޒަނަކީ ލިވަޕޫލްގައި އޭނާ ހޭދަކުރާ ފަހު ސީޒަނަށް ވެދާނެ ފަދަ އިޝާރާތެއް ދީފައެވެ. އެހެންކަމުން، އެންމެ ފަހުން އޭނާ މި ދިން އިންޓަވިއުއާ ގުޅިގެން އެ ޝައްކުތަކަށް މިވަނީ ނިމުމެއް އައިސްފައެވެ.

ސިޓީގެ އަކޭ ކައިރިން ލިވަޕޫލްގެ ސަލާހު (ވ) ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ލިވަޕޫލް ދޫކޮށްލާނެކަން ސަލާހު ކަށަވަރުކޮށްދީފައި މިވަނީ، އެ ކުލަބުން އޭނާގެ އެއްބަސްވުން އާކުރުމަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާކަމަށް މީގެކުރިން ބުނެފައިވަނިކޮށެވެ. ލިވަޕޫލްއާ އެކު ސަލާހު ހަދާފައިވާ އެއްބަސްވުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާނެ އެވެ.

މިއާއެކު، މި ޖަނަވަރީ މަހުން ފެށިގެން އިނގިރޭސި ނޫން ކުލަބުތަކާއެކު ސަލާހު އަށް ޓްރާންސްފާގެ މަޝްވަރާތައް ވެސް ކުރެވޭނެ އެވެ. މިހާތަނަށްއައިއިރު ސަލާހު ސޮއި ހޯދުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކާއި، މެދުއިރުމަތީގެ ކުލަބުތަކުން ދަނީ އިންތިހާ އަށް ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.

ހަތް އަހަރު ކުރިން، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އިޓަލީގެ އޭއެސް ރޯމާ އިން ބޯނަހާއެކު 43 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ލިވަޕޫލަށް ބަދަލުވެ، ސަލާހު ވަނީ މިހާތަނަށް ކުޅުނު 375 މެޗުގައި 231 ލަނޑު ޖަހައިދީފައެވެ. އެ ޓީމާއެކު އިނގިރޭސި ލީގު ކަޕް ދެ ފަހަރު، އަދި ޕްރިމިއަރ ލީގާއި، ޗެމްޕިއަންސް ލީގާއި، ފީފާ ކުލަބު ވޯލްޑް ކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕާއި، އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު