ENGLISH
18 އޭޕްރީލު 2025
ސިޓީގެ ފޯމު ދަށްވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ގާޑިއޯލާ ބުނެފި
04 ޖެނުއަރީ 2025
|
ސިޓީގެ ކޯޗު، ގާޑިއޯލާ. --ފޮޓޯ: ރޮއިޓާސް
މި ސީޒަނުގައި މެންޗެސްޓަރ ސިޓީގެ ފޯމު ދަށްވެ، ދެރަ ނަތީޖާތައް ނެރުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް އެ ޓީމުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ސިޓީގެ ކޯޗު، ގާޑިއޯލާ މިހެން ބުނީ، ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ސިޓީ ނުކުތުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. މި ނަތީޖާތަކާ އެކު ސިޓީ އޮތީ ލީގުގެ ހަވަނައިގައެވެ. އެއްވަނައިގައި އުޅޭ ލިވަޕޫލާއި ސިޓީއާ ދެމެދު 14 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ގާޑިއޯލާ ބުނީ، ވަރަށް ގިނަ ކަންތައްތަކެއް އޭނާ އަތުން ދޫވެގެން، ހިނގައްޖެ ކަމަށެވެ.
ގާޑިއޯލާ ވަނީ، އަބަދުވެސް މެޗުތަކަކުން ޓީމެއް ބަލިވާ ހިނދު އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ ކޯޗު ކަމަށާއި، މި ދަނޑިވަޅުގައި ސިޓީ އަށް އިތުބާރު ހޯދައިދިނުމަށް ވެސް އޭނާ ނުކުޅެދިފައިވާ ކަމަށް ބުނެފައެވެ.
"އެންމެ ފުރަތަމަ ޒިންމާ އޮތީ އަހަރެންގެ މައްޗަށް، އެއީ ކުޅުންތެރިންގެ ޒިންމާއެއް ނޫން. އެމީހުންގެ ފޯމު ދަށްވުމަކީ ޠަބީޢީ ކަމެއް. މީގެކުރިން ވެސް އެފަދަ ކަންކަން ދިމާވެފައި އެބަހުރި،" ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ އިތުރަށް ބުނީ، މި ހުރިހާ ކަމެއްގެ ފުރިހަމަ ޒިންމާ ނަގަންޖެހެނީ އޭނާ ކަމަށެވެ. މިއީ ކޮންމެހެން އޭނާގެ ރަނގަޅުކަމުގެ ސަބަބުން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ޙަޤީޤަތް ކަމަށެވެ. އަދި، އެ ކުޅުންތެރިން ގޮވައިގެން ގެއްލިފައިވާ އިތުބާރު ހޯދައި، ޓީމު އަލުން ކޮޅަށް ނެގުމުގައި އޭނާ އަށް ނާކާމިޔާބުވެފައިވާ ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސިޓީ އަށް މި ފަހަރު ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ ދުވަސްތަކަކަށް ކުޅުމާ ދުރަށް ދާން ޖެހުމެވެ.
އެގޮތުން، ސިޓީގެ ސްޕެއިން މިޑްފީލްޑަރު، ރޮޑްރީ އަށް ސީރިއަސް އަނިޔާއެއް ކުރިމަތިވެ، ސީޒަން އެއްކޮށް ގެއްލުނުއިރު، މި ވަގުތު އެ ޓީމުގެ އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރޭގައި ގޯލްކީޕަރު، އެޑަސަން މޮރައެސް، ޑިފެންޑަރުން ކަމަށްވާ، ޖޯން ސްޓޯންސް އާއި ރުބެން ޑިއާސް އަދި މިޑްފީލްޑަރު، މަތެއުސް ނޫނޭސް ހިމެނެއެވެ.