ENGLISH

10 އޭޕްރީލު 2025

Advertisement

ޣާއްޒާގެ ސުލްޙައިގެ މަޝްވަރާތައް އަލުން ފެށުމާ ދިމާކޮށް، އިޒްރޭލުން 30 މީހަކު ޝަހީދުކޮށްލައިފި

04 ޖެނުއަރީ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ރަހީނުކޮށްފައިވާ މީހުން މިނިވަންކުރުމުގެ މަޝްވަރާތައް ޤަތަރުގައި އަލުން ފެށުމާ ދިމާކޮށް، އިޒްރޭލުން ޣައްޒާއަށް ދިން އާ ޙަމަލާތަކެއްގައި 30 މީހަކު ޝަހީދުވެއްޖެއެވެ.

ޣައްޒާއަށް ދޭ ޙަމަލާތައް އިޒްރޭލުން އަނެއްކާވެސް ވަރުގަދަކޮށްފައިވާއިރު، އިޒްރޭލުގެ ޔަހޫދީ ފައުޖުން އިއްޔެ ވެސް ވަނީ ޣައްޒާގެ އެކި ހިސާބުތަކަށް ރޮކެޓު ޙަމަލާތައް ދީފައެވެ.

"އިޒްރޭލުން ދެމުންދާ ވައިގެ ޙަމަލާތަކުގައި ހުކުރު ދުވަހަކީ ޣައްޒާ ސިޓީގައި ދިރިއުޅޭ މީހުންނަށް ވަރަށް ބިރުވެރި ދުވަހެއް،" ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސަލް ވިދާޅުވިއެވެ.

އެ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި ހަތް ކުޑަކުއްޖަކު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާއަށް ދޭ ޙަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފައިމިވަނީ، އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަ މަޝްވަރާތައް އަލުން ފަށާފައިވަނިކޮށެވެ.

އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި އަނެއްކާވެސް މަޑުޖެހުމުގެ ކުރިން، އެ މަޝްވަރާތައް ދުވަހަކު ކުރިއަށް ނުދާ މިންވަރަށް ގޮސްފައިވާ ކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފައެވެ.

ނަމަވެސް، އެއްބަސްވުމަކާ ހަމައަށް ނުދެވި މަޝްވަރާތައް އަނެއްކާވެސް ހުއްޓުނީ، ޣައްޒާގައި ތިބި އިޒްރޭލުން ސިފައިން ދާއިމީކޮށް ފޭބުމަށް އިޒްރޭލުން ދެކޮޅު ހެދުމުން ކަމަށް މަސްދަރުތަކުން ބުނެފައިވެއެވެ.

އިޒްރޭލާއި ޙަމާސްއާ ދެމެދު، ސުލްޙަ ޤާއިމުކޮށް، ޣައްޒާގައި ހަނގުރާ ހުއްޓާލައި، ރަހީނުން މިނިވަންކުރުމަށް އެމެރިކާ އާއި މިޞްރާއި އެކު ޤަތަރުން މެދުވެރިއެއްގެ ރޯލު އަދާކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެއެވެ.

ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެއް ހަފްތާއަށް ޙަމަލާތައް ހުއްޓާލައި، އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ މީހުންގެ ބަދަލުގައި އިޒްރޭލުގެ ރަހީނުންތަކެއް މިނިވަންކުރުން ފިޔަވައި، 14 މަހަށް ދިގުދެމިގެން ގޮސްފައިވާ މި ހަނގުރާމައަށް ދާއިމީ ޙައްލެއް ހޯދިފައެއް ނުވެއެވެ.

ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ އިސްތިޢުމާރުކޮށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖަރީމާތަކުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެއްޗާއި ބޭސްފަރުވާ ނުލިބި، ޙާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު