ENGLISH
10 އޭޕްރީލު 2025
ރައީސްކަމުގެ ހުވާކުރެއްވުމުގެ ކުރިން ޓްރަމްޕަށް ހުކުމް ކުރަން ތާވަލްކޮށްފި
04 ޖެނުއަރީ 2025
|
އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުކުމް ކުރަން ނިއު ޔޯކުގެ ކޯޓުން ތާވަލްކޮށްފިއެވެ.
ޓްރަމްޕްގެ މައްޗަށް ރިޝްވަތު ދިނުމާއި، ޚިޔާނާތް ފޮރުވަން މަސައްކަތް ކުރެއްވުމުގެ ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
ޓްރަމްޕްގެ މައްޗަށް ދަޢުވާ އުފުލީ، އޮރިޔާންކާޑު އުފައްދާ އަންހެނެއް ކަމުގައިވާ ސްޓޯމީ ޑެނިޔެލްސް އާ އެކު ބޭއްވި ނަހަމަ ގުޅުންތައް ފޮރުވަން ރިޝްވަތު ދިނުމާއި، އެ މުޢާމަލާތް ސިއްރު ކުރުމަށް ވިޔަފާރީގެ ލިިޔެކިޔުންތައް އޮޅުވައިލެއްވި ކަމަށް ތުހުމަތުކޮށެވެ.
އެ މުޢާމަލާތް ހިންގާފައި ވަނީ 2016 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިންނެވެ. ޑެނިޔެލްސަށް ޓްރަމްޕް ރިޝްވަތު ދެއްވާފައި ވަނީ ރިޔާސީ ރޭހުގައި ކުރިއެރުން ހޯދުމަށް، އޭނާއާ ގުޅޭ މަޢުލޫމާތުތަކެއް ސިއްރު ކުރުމުގެ ބޭނުމުގައެވެ.
މި މައްސަލައާ ގުޅޭ ޖުމްލަ 34 ދަޢުވާ ޓްރަމްޕްގެ މައްޗަށް ސާބިތުވާ ކަމަށް ޖޫރީން ވަނީ ނިންމާފައެވެ.
މި މައްސަލާގައި ޓްރަމްޕްގެ މައްޗަށް 10 ޖެނުއަރީ ވާ ހުކުރު ދުވަހު ހުކުމް ކުރަން ފަނޑިޔާރު ވަނީ ތާވަލްކުރައްވައިފައެވެ.
މިދިޔަ ނޮެމްބަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޓްރަމްޕް، ރައީސްކަމުގެ ހުވާ ކުރައްވާނީ، 20 ޖެނުއަރީގައެވެ.
ނަމަވެސް، ޓްރަމްޕްގެ މައްޗަށް ޖަލު ހުކުމެއް އިއްވާނެ ކަމަކަށް ނުބެލެވެއެވެ. އެކަމުގެ އިޝާރާތެއް ފަނޑިޔާރު ވެސް ވަނީ ދެއްވައިފައެވެ.
ނަމަވެސް، ރައީސްކަމާ ޓްރަމްޕް ޙަވާލުވެވަޑައިގަންނަވާނީ، ޖިނާއީ ކުށެއް ސާބިތުވެފައިވާ ކުށްވެރިއެއްގެ ގޮތުގައެވެ.