ENGLISH
18 އޭޕްރީލު 2025
ވެލެންސިއާ ބަލިކޮށް ރެއާލް އެއްވަނަ އަށް، ވިނީޝިއުސް އަށް ރަތެއް
04 ޖެނުއަރީ 2025
|
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ރެއާލްގެ ބެލިންހަމް (ކ) އާއި އެމްބާޕޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް
ވެލެންސިއާ އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، ރެއާލް މެޑްރިޑު ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، އެ މެޗުގައި އެ ޓީމުގެ ވިނީޝިއުސް ޖޫނިއާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފިއެވެ.
މި ނަތީޖާއާއެކު ރެއާލް އެއްވަނައިގައި އޮތީ 19 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި 41 ޕޮއިންޓާއެކު އެތުލެޓިކޯ މެޑްރިޑް އޮތްއިރު، 19 މެޗުން ހޯދި 38 ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބާސެލޯނާ އެވެ.
ވެލެންސިއާގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހޫގޯ ޑުރޯ އެވެ. މި ގޯލާއެކު ވެލެންސިއާ އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގެ ކުރީކޮޅު، ރެއާލަށް އެއްވަރުކޮށްދޭން ޖޫޑް ބެލިންހަމް އަށް ރަނުގެ ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބެލިންހަމް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
އޭގެ ފަސް މިނެޓު ފަހުން، ރެއާލަށް ކީލިއަން އެމްބާޕޭ އެއްވަރުކޮށްދިން ނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރިއެވެ.
މެޗުގެ 79 ވަނަ މިނެޓުގައި ރެއާލްގެ ބްރެޒިލް ތަރި، ވިނީޝިއުސް އަށް ސީދާ ރަތް ކާޑު ދެއްކުމުން އެ ޓީމުން ބާކީބައި ފުރިހަމަކުރީ އެއް ކުޅުންެތެރިއަކު މަދުކޮށެވެ. ވިނީޝިއުސް އަށް ރަތް ކާޑު ދެއްކީ ވެލެންސިއާގެ ކީޕަރު، ސްޓޯލް ޑިމިޓްރިއެވްސްކީގެ މޫނުމަތީގައި ޖެހުމުންނެވެ.
ރެއާލުން އެއްވަރުކުރި ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކަ މޮޑްރިޗް އެވެ. މޮޑްރިޗް މި ލަނޑުޖެހީ ބެލިންހަމް ދިން ތުރޫ ޕާހަކުންނެވެ.
އަދި އޭގެފަހުން، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލް މޮޅުވި ލަނޑު ޖަހައިދިނީ ބެލިންހަމް އެވެ.
މިއީ ވެލެންސިއާގެ އައު ކޯޗު، ކާލޯސް ކޯބެރާންގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މި މެޗުން ބަލިވުމާއެކު ވެލެންސިއާ އޮތީ ތާވަލްގެ ފުލުން ދެވަނައިގައެވެ. އެ ޓީމަށް ލިބިފައި ވަނީ 18 މެޗުން 12 ޕޮއިންޓެވެ.