ENGLISH
10 އޭޕްރީލު 2025
ވެނެޒުއޭލާގެ އިދިކޮޅު ކެންޑިޑޭޓު ހޯދަން 100،000 ޑޮލަރުގެ އިނާމެއް ހުށަހަޅައިފި
03 ޖެނުއަރީ 2025
|
ވެނެޒުއޭލާގެ ނިމުނު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓު އެޑްމުންޑޯ ގޮންޒާލޭސް އުރޫޝިއާ ހޯދަން، 100،000 ޑޮލަރުގެ އިނާމެއް އެ ޤައުމުގެ ސަރުކާރުން ހުށަހަޅައިފިއެވެ.
މިދިޔަ ޖުލައި މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ނިކޮލަސް މަޑޫރޯގެ މައްޗަށް ކާމިޔާބު ހޯއްދެވި ކަމަށް އުރޫޝިއާ ގެންދަވަނީ ވިދާޅުވަމުންނެވެ.
އިންތިޚާބަށް ފަހު އުރޫޝިއާ ޤައުމު ދޫކުރައްވައި ފުރަތަމަ ވަޑައިގެންނެވީ ސްޕެއިންއަށެވެ. ނަމަވެސް، އޭނާ މިއަދުގެ ވަގުތެއްގައި އާޖެންޓީނާ އަށް ވަޑައިގަންނަވާނެ ކަމަށް ރިޕޯޓުތައް ވަނީ ބުނެފައެވެ.
ވެނެޒުއޭލާގެ ފުލުހުން ވަނީ، އުރޫޝިއާގެ ފޮޓޯއާއެކު، އޭނާ ހޯދަން އިޢުލާނުކޮށްފައެވެ. އަދި އުރޫޝިއާގެ މަޢުލޫމާތު ދޭ ފަރާތަކަށް 100،000 ޑޮލަރުގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
ވެނެޒުއޭލާގެ ރައީސްކަމަށް މަޑޫރޯ ތިންވަނަ ފަހަރަށް އިންތިޚާބު ވެއްޖެކަމަށް އިޢުލާނުކޮށްފައިވީ ނަމަވެސް، އެކަމާ ދެކޮޅަށް އިދިކޮޅުން ވަނީ ތެދުވެ، ނަތީޖާ އޮޅުވައިލީ ކަމަށް ބުނެފައެވެ.
އެ ނަތީޖާއާ ދެކޮޅަށް އެތަކެއް ހާސް ބަޔަކު މަގުތަކަށް ނުކުމެ ކުރި މުޒާހަރާތަކުގައި، ސަލާމަތީ ބާރުތަކާ ހިނގި ކުރިމަތިލުންތަކުގައި 28 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
އުރޫޝިއާއަށް ސްޕެއިނުން ހިމަޔާތްދިނީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ. އާޖެންޓީނާ އަކީ ވެސް މަޑޫރޯގެ ސަރުކާރު ބަލައިގަންނަން ދެކޮޅު ހަދާފައިވާ ޤައުމެކެވެ.
އުރޫޝިއާ ވަނީ، އެނބުރި ވެނެޒުއޭލާއަށް ވަޑައިގެން ސަރުކާރާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށް އިޢުލާނު ކުރައްވައިފައެވެ.