ENGLISH
10 އޭޕްރީލު 2025
އަލްޖަޒީރާގެ ބްރޯޑްކާސްޓްތައް މަނާކުރި ނިންމުން ބާތިލުކުރަން އދ. އިން ގޮވާލައިފި
03 ޖެނުއަރީ 2025
|
ހަމަނުޖެހުމަށް ހިތްވަރުދޭ މަޢުލޫމާތު ގެނެސްދޭ ކަމަށް ބުނެ، ފަލަސްތީނުގެ ސަރަޙައްދުތަކުގައި އަލްޖަޒީރާގެ ބްރޯޑްކާސްޓުތައް މަނާކުރަން ނިންމި ނިންމުން ބާތިލުކުރަން އދ.އިން ޕަލަސްޓިނިއަން އޮތޯރިޓީ (ޕީއޭ)އަށް ގޮވާލައިފިއެވެ.
ހުޅަނގު އައްސޭރީގެ ބައެއްގައި ހިންގާ ޕީއޭ އިން ބުނީ އަލްޖަޒީރާ ސެޓެލައިޓް ޗެނަލާއި ފަލަސްތީނުގައި ހުންނަ އެ ޗެނަލްގެ އޮފީސް ބްރޯޑްކާސްޓް ކުރުން ހުއްޓާލައި ހުރިހާ ޙަރަކާތްތަކެއް ހުއްޓުވަން، ކަލްޗަރ އާއި އިންޓީރިއާ އަދި ކޮމިއުނިކޭޝަން މިނިސްޓްރީތައް ހިމެނޭ ޚާއްސަ ކޮމިޓީއަކުން ނިންމާފައިވާ ކަމަށެވެ.
އަދި ފަލަސްތީނުގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް އަލްޖަޒީރާއިން ކުރަމުންދާ ކަންކަން ހައްލުކުރުމުގެ ކުރިން، އެ ނެޓްވޯރކުގެ އެންމެހާ މުވައްޒަފުންނާއި ނޫސްވެރިން ހިމެނޭ ގޮތަށް ޤާނޫނީ ހުއްދަތައް މި ވަގުތަށް ބާތިލުކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މި ފިޔަވަޅު އަޅާފައިވަނީ، ސައްޙަ ނޫން މަޢުލޫމާތާއި ހަމަނުޖެހުމާއި ނަފްރަތު އުފެއްދުމަށް މަގުފަހިވާ ގޮތަށް އަލްޖަޒީރާއިން ތަކުރާރުކޮށް ޢަމަލުކުރަމުންދާތީ ކަމަށް ވެސް ބުންޏެވެ.
އދ.ގެ ހިއުމަން ރައިޓްސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަޢުލޫމާތު ފެތުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ހައްޤުތަކަށް ހުރަސްއެޅޭ ގޮތަށް އަލްޖަޒީރާގެ ބްރޯޑްކާސްޓުތައް މަނާކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކޮށް، މި ނިންމުން އަނބުރާ ގެންދިޔުމަށް އަޅުގަނޑުމެން ޕީއޭއަށް އިލްތިމާސް ކުރަން،" އެ އޮފީހުން ބުންޏެވެ.
ޕަލަސްޓީނިއަން އޮތޯރިޓީގެ ނިންމުން، ޙަމާސް ޖަމާޢަތުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.