ENGLISH
10 އޭޕްރީލު 2025
އިޒްރޭލުން ސޫރިޔާގެ ޙަލަބަށް އަނެއްކާވެސް ބޮން އަޅައިފި
03 ޖެނުއަރީ 2025
|
ސޫރިޔާގެ ޙަލަބް ސިޓީގެ ދެކުނަށް އިޒްރޭލު ސިފައިން އަނެއްކާވެސް ވައިގެ ޙަމަލާތަކެއް ދީފިއެވެ.
ސޫރިޔާގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން، އިޒްރޭލުން ދަނީ ސޫރިޔާގެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނީ، އިޒްރޭލުން މި ފަހަރު ބޮން އަޅާފައިވަނީ ޙަލަބްގެ ދެކުނުގައި ހުރި ސޫރިޔާގެ އަސްކަރިއްޔާގެ އަސްކަރީ ކާރުހާނާތަކަކަށް އަމާޒުކޮށް ކަމަށެވެ.
ނަމަވެސް، މި ޙަމަލާތަކުގައި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް އަދި ނޭނގެއެވެ.
ބޮން އެޅި ސަރަޙައްދުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާ ކަމަށް އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނާ ޙަވާލާދީ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުންޏެވެ.
އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.
ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމާއެކު، ބައްޝާރު ވަނީ ރަޝިޔާއިން ހިމާޔަތް ހޯއްދަވައިގެން، ޤައުމު ދޫކޮށް ވަޑައިގެންފައެވެ.
އިޒްރޭލުން ސޫރިޔާގެ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް ޙަމަލާ ދެމުންދަނީ، އެ ހަތިޔާރުތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތް ދަށަށް ދިޔުން ހުއްޓުވަން ކަމަށް ބުނެއެވެ.