ENGLISH
18 އޭޕްރީލު 2025
ޖޭމްސް އާއި ކްރިސްޓީގެ އެހީގައި ލޭކާސް އިން ޕޯޓްލަންޑް ބަލިކޮށްފި
03 ޖެނުއަރީ 2025
|
ލޭކާސްގެ ޖޭމްސް (ކ) ޕޯޓްލަންޑްގެ ކުޅުންތެރިއެއް ކަައިރިން ބޯޅަ ހިފައިގެން ދާން މަސައްކަތްކުރަނީ. --ފޮޓޯ: އޭޕީ
އެންބީއޭގައި މިއަދު ކުޅުނު މެޗުގައި ލޮސް އެންޖެލަސް ލޭކާސް އިން 114-106 ގެ ތަފާތަކުން ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބަލިކޮށްފިއެވެ.
މިއީ ލީގުގައި ލޭކާސް އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން މޮޅުވި ހަވަނަ ފަހަރެވެ. އަދި، މިއީ ޕޯޓްލަންޑްގެ މައްޗަށް ލޭކާސް އިން ޖެހިޖެހިގެން ކުރިހޯދި ފަސްވަނަ މެޗެވެ.
ލޮސް އެންޖެލަސްގައި ހުންނަ ކްރިޕްޓޯ.ކޮމް އެރީނާގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރގައި ޕޯޓްލަންޑުން ހަތަރު ޕޮއިންޓްގެ ލީޑަކާއެކު، 31-27 އިން ކުރިހޯދި ނަމަވެސް، ލޭކާސް އިން ވަނީ ދެން ކުޅުނު ދެވަނަ ކުއާޓަރގެ އިތުރުން ތިންވަނަ ކުއާޓަރގައި ލީޑު އަތުލައިފައެވެ.
ދެވަނަ ކުއާޓަރގައި ލޭކާސް އިން ވަނީ 13 ޕޮއިންޓްގެ ލީޑެއް ނަގައި، 33-20 އިން ކުރިހޯދާފައެވެ. އަދި، ތިންވަނަ ކުއާޓަރގައި 28-24 އިން ކުރިހޯދިއެވެ.
މެޗުގެ ފަހު ކުއާޓަރގައި ޕޯޓްލަންޑުން 31-26 އިން ކުރިހޯދި ނަމަވެސް، ދެވަނަ އަދި ތިންވަނަ ކުއާޓަރގައި ލޭކާސް އިން ހޯދީ ބޮޑު ލީޑުގެ ސަބަބުން އެ ޓީމުން ވަނީ އަށް ޕޮއިންޓްގެ ފަރަގަކުން މެޗު ކާމިޔާބުކޮށްފައެވެ.
ވޯރިއާސް އަށް ބާސްކެޓެއް ކާމިޔާބުކުރުމަށްފަހު ކަރީ އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ
މި މެޗުގައި ލޭކާސް އިން އެންމެ މޮޅަށް ކުޅުނީ ލެބްރޮން ޖޭމްސް އާއި މެކްސް ކްރިސްޓީ އެވެ. ޖޭމްސް ވަނީ 38 ޕޮއިންޓް އެއްކޮށްފައެވެ. ކްރިސްޓީ 28 ޕޮއިންޓް އެއްކުރިއެވެ. މީގެއިތުރުން، އެ ޓީމުގެ އޮސްޓިން ރީވްސް ވަނީ 15 ޕޮއިންޓާއެކު، 11 އެސިސްޓް ހަދައި، ޑަބަލް-ޑަބަލްއެއް ފުރިހަމަކޮށްފައެވެ.
ޕޯޓްލަންޑަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ އެންފާމީ ސިމޮންސް އެވެ. ސިމޮންސް ވަނީ 23 ޕޮއިންޓް ހޯދައިދީފައެވެ. ދެން އެންމެ ރަނގަޅަށް ކުޅުނު ޝޭޑަން ޝާޕް 19 ޕޮއިންޓާއެކު ފަސް ރީބައުންޑް ނެގިއެވެ.
މި މުބާރާތުގައި މިއަދު ކުޅުނު އަނެއް މެޗުގައި ގޯލްޑެން ސްޓޭޓް ވޯރިއާސް އިން ވަނީ ފަސޭހަކަމާއެކު ފިލަޑެލްފިއާ ސެވަން ސިކްސާސް ބަލިކޮށްފައެވެ. ސްޓެފަން ކަރީގެ ޑަބަލް-ޑަބަލްއަކާއެކު ވޯރިއާސް އިން މި މެޗު ކާމިޔާބުކުރީ 139-105 އިންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން، ބޮސްޓަން ސެލްޓިކްސް އަތުން މިނެސޯޓާ ޓިމްބަރވުލްވްސް ބަލިވީ 118-115 އިންނެވެ. މި މެޗުގައި ސެލްޓިކްސްގެ ޖޭސަން ޓޭޓަމް ވަނީ 33 ޕޮއިންޓް އެއްކޮށްފައެވެ.