ENGLISH
18 އޭޕްރީލު 2025
ޤައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން އެޗްޑީސީ އަށް
03 ޖެނުއަރީ 2025
|
މެޗެއްގައި ޕޮއިންޓް ހޯދުމަށް ފަހު އެޗްޑީސީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެމްއެމް
ޤައުމީ ވޮލީބޯލް ލީގުގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކުލަބު ބަލިކޮށް، ކުލަބު އެޗްޑީސީ އިން ލީގު ޗެމްޕިއަންކަން ހޯދައިފިއެވެ.
އެޗްޑީސީން ޗެމްޕިއަންކަން ހޯދީ ކުޅުނު ހަތަރު މެޗު ކާމިޔާބުކޮށް، ސައްތައިން ސައްތައިގެ ރެކޯޑަކާއެކު އެވެ. ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ސިފައިންނަށް ދެވަނަ ލިބުނުއިރު، ތިންވަނަ މަގާމު ހާސިލްކުރީ ސްޕޯޓްސް ކުލަބު ސިޓީ އެވެ. ބްލޫސް ފޯރ ވޮލީބޯލް އަށް ހަތަރުވަނަ ލިބުނުއިރު، ފުލަށް ދިޔައީ ޕޮލިސް ކުލަބެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު ލީގު ބުރުގެ އެންމެ ފަހު މެޗުގައި ސިފައިން އަތުން އެޗްޑީސީ މޮޅުވީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ސިފައިން ގެންގޮސްފައިވަނިކޮށް، އެޗްޑީސީން ވަނީ ދެން ޖެހިގެންއައި ތިން ސެޓު 25-19، 25-21 އަދި 25-14 އިން ކާމިޔާބުކޮށް، ލީގު ޗެމްޕިއަންކަން ހޯދައިފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެޗްޑީސީގެ އިސްމާޢިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.
މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިން:
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރ: އާދަމް ނަސީމް (އެޑަމް) - ދިވެހި ސިފައިންގެ ކުލަބު
އެންމެ މޮޅު މިޑްލް ބްލޮކަރ: މުޙައްމަދު އަހުސަން - ކުލަބު އެޗްޑީސީ
އެންމެ މޮޅު މިޑްލް ބްލޮކަރ: އާދަމް ފައިރޫޒް - ކުލަބު އެޗްޑީސީ
އެންމެ މޮޅު ސެޓަރ: އަލީ ނިމާލް - ކުލަބު އެޗްޑީސީ
އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިޔާ: ހުސައިން ރައްޒާން - ދިވެހި ސިފައިންގެ ކުލަބު
އެންމެ މޮޅު ލިބަރޯ: މުޙައްމަދު މިމްރާހް ހަސަން - ދިވެހި ސިފައިންގެ ކުލަބު
އެންމެ އުއްމީދީ ކުޅުންތެރިޔާ: ޔަޢީޝް ރިއްފަތު ހަމީދު - ބްލޫސް ފޯރ ވޮލީބޯލް
އެންމެ މޮޅު ކޯޗު: ހުސައިން ޝަރީފް - ކުލަބު އެޗްޑީސީ
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: މުބައްޝަރު ރަޒާ - ކުލަބު އެޗްޑީސީ
މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ: ހުސައިން ރައްޒާން - ދިވެހި ސިފައިންގެ ކުލަބު