ENGLISH

10 އޭޕްރީލު 2025

Advertisement

ދެކުނު ކޮރެޔާގެ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ގައުމުގެ ފުލުހުން އެއާޕޯޓު ބަލައި ފާސްކޮށްފި

02 ޖެނުއަރީ 2025

|

ހަސަން އާމިރު

ދެކުނު ކޮރެޔާގެ ޖޭޖޫ އެއާލައިންސްގެ ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ހިނގި ހާދިސާގައި، މުވާން އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ހިންގައިފިއެވެ.

ދެކުނު ކޮރެޔާގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާގައި އެ ބޯޓުން ދަތުރުކުރި 181 މީހުންގެ ތެރެއިން، 179 މީހުން ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުން ފުރައިގެން އައި ޖޭޖޫ އެއާލައިންސްގެ 2216 ފްލައިޓް، ދެކުނު ކޮރެޔާގެ މުވާން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

މުވާން އެއާޕޯޓުގެ އިތުރުން، ޖޭޖޫ އެއާލައިންސްގެ މައި އޮފީހާއި، ރީޖަނަލް އެއާޕޯޓްސްގެ އޮފީހެއް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ފުލުހުން މަސައްކަތް ކުރަމުން މިދަނީ، ޤާނޫނާއި ޤަވާޢިދުތަކުގެ ތެރެއިން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި އިހުމާލެއް އޮތް ނަމަ އެކަމެއް ވީއެންމެ އަވަހަކަށް ދެނެގަތުމަށް،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ޖުމްލަ 175 ފަސަންޖަރުންނާއި ހަ ކްރޫއިން ދަތުރުކުރި މި ބޯޓު، ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ގޮސް، ފާރެއްގައި ޖެހި، ބޯޓު ބައެއް ގޮވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ބޯޓު ޖައްސަން އައި ވަގުތު، ލޭންޑިން ގިޔަރު ރަނގަޅަށް ތިރިނުވާ ކަމަށް ވެސް މަންޒަރުދުށް ބައެއް މީހުންނާ ޙަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާ ހިނގި ވަގުތުން ފެށިގެން، ކަމާގުޅޭ އިދާރާތަކުން ވަނީ އެތަނުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ބޯޓުގެ ދެ ކަޅުފޮއްޓާއި ޕައިލެޓުން ތިބޭ ކޮކްޕިޓްގެ ވޮއިސް ރެކޯޑަރު ހޯދައި، ޑޭޓާތައް ވެސް މިހާރު ނަގާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވިއެވެ.

އޮފިޝަލުންނާ ޙަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓު ޖައްސަން އައި ވަގުތު، ދޫންޏެއް ބޯޓުގައި ޖެހިގެންނެވެ.

ނަމަވެސް، ބޯޓުގެ ލޭންޑިން ގިޔަރަށް މައްސަލަ އެއް ދިމާވީ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުންޏެވެ.

އެ ހާދިސާގައި މުވާން އެއާޕޯޓުގެ ރަންވޭ ޑިޒައިންކޮށްފައި އޮތް ގޮތާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު