ENGLISH

10 އޭޕްރީލު 2025

Advertisement

ވެއްޓުނު ދެކުނު ކޮރެޔާގެ މަތިންދާބޯޓުގެ ކަޅުފޮށި ނަގައި، ދިރާސާކުރަން ފަށައިފި

01 ޖެނުއަރީ 2025

|

ހަސަން އާމިރު

ދެކުނު ކޮރެޔާގެ ޖޭޖޫ އެއާލައިންސްގެ ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ހިނގި ހާދިސާގައި، އެ ބޯޓުގެ ކަޅުފޮށި ނަގައި، ކަމާގުޅޭ އިދާރާތަކުން ދިރާސާ ކުރަން ފަށައިފިއެވެ.

ދެކުނު ކޮރެޔާގެ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި ހާދިސާގައި އެ ބޯޓުން ދަތުރުކުރި 181 މީހުންގެ ތެރެއިން، 179 މީހުން ވަނީ މަރުވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުން ފުރައިގެން އައި ޖޭޖޫ އެއާލައިންސްގެ 2216 ފްލައިޓް، ދެކުނު ކޮރެޔާގެ މުވާން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ.

ޖުމްލަ 175 ފަސަންޖަރުންނާއި ހަ ކްރޫއިން ދަތުރުކުރި މި ބޯޓު، ޖައްސަން އުޅުމުގެ ތެރޭގައި، ރަންވޭ މަތިން ކަހާލައިގެން ގޮސް، ފާރެއްގައި ޖެހި، ބޯޓު ބައެއް ގޮވާ މަންޒަރު ވީޑިއޯތަކުން ފެނެއެވެ. ބޯޓު ޖައްސަން އައި ވަގުތު، ލޭންޑިން ގިޔަރު ރަނގަޅަށް ތިރިނުވާ ކަމަށް ވެސް މަންޒަރުދުށް ބައެއް މީހުންނާ ޙަވާލާދީ މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ ހާދިސާ ހިނގި ވަގުތުން ފެށިގެން، ކަމާގުޅޭ އިދާރާތަކުން ވަނީ އެތަނުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

އެ ބޯޓުގެ ދެ ކަޅުފޮއްޓާއި ޕައިލެޓުން ތިބޭ ކޮކްޕިޓްގެ ވޮއިސް ރެކޯޑަރު ހޯދައި، ޑޭޓާތައް ވެސް މިހާރު ނަގާފައިވާ ކަމަށް އޮފިޝަލަކު ވިދާޅުވިއެވެ.

އަދި ފުރަތަމަ ތަޙުލީލްތަކަށްފަހު، އެ ޑޭޓާގެ އަޑުކޮޅުތައް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލުންނާ ޙަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓު ޖައްސަން އައި ވަގުތު، ދޫންޏެއް ބޯޓުގައި ޖެހިގެންނެވެ.

ނަމަވެސް، ބޯޓުގެ ލޭންޑިން ގިޔަރަށް މައްސަލަ އެއް ދިމާވީ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުންޏެވެ.

އެ ހާދިސާގައި މުވާން އެއާޕޯޓުގެ ރަންވޭ ޑިޒައިންކޮށްފައި އޮތް ގޮތާ މެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު