ENGLISH
21 އޭޕްރީލު 2025
އަހަރު ނިމޭއިރު ޕީއެސްއައިޕީ އަށް 10 ބިލިއަން ރުފިޔާ ހޭދަކޮށްފި
31 ޑިސެމްބަރު 2024
|
މި އަހަރު ނިމިގެންދާ އިރު ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރޮޖެކްޓްތަކަށް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 10.3 ބިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު އާއްމުކުރާ ހިސާބުތަކުން ދައްކާ ގޮތުގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭން އެންމެ ބޮޑު ހޭދައެއް މި އަހަރު ކޮށްފައި ވަނީ އެއާޕޯޓްތައް އެޅުމަށާއި ބިންހިއްކުމަށެވެ. އެ ދެ މަޝްރޫއަށް ވަނީ 4.8 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ މަގުހެދުމާއި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށެވެ. މި ދެ މަސައްކަތަށް ވަނީ 1.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށް ވަނީ 8.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ. އަދި އޮކްޓޯބަރު މަހު ފާސްކުރި ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ ޕީއެސްއައިޕީއަށް އިތުރު 5.1 ބިލިޔަން ރުފިޔާ ހިމަނައިފައެވެ.