ENGLISH

10 އޭޕްރީލު 2025

Advertisement

ކޮވިޑުގެ ފެށުމާ ގުޅޭ މަޢުލޫމާތުތައް ހާމަކުރަން ޑަބްލިޔުއެޗްއޯ އިން ޗައިނާއަށް ގޮވާލައިފި

31 ޑިސެމްބަރު 2024

|

ހަސަން އާމިރު

މީގެ ފަސް އަހަރު ކުރިން މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި، ކޮވިޑް-19ގެ ފެށުމާ ގުޅޭ ހުރިހާ މަޢުލޫމާތެއް ޙިއްސާކުރަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯ އިން ޗައިނާއަށް އަނެއްކާވެސް ގޮވާލައިފިއެވެ.

ކޮވިޑުގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރި، އެތައް މިލިއަން މީހުންގެ ފުރާނަ ގެއްލި، ސިއްޙީ އަދި ދަތުރުފަތުރުގެ ނިޒާމުތައް ހުއްޓުމަކަށް އައިސް، ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ކުރިމަތިކުރުވިއެވެ.

"ކޮވިޑް-19ގެ އަސްލު ދެނެގަނެވޭތޯ ޑޭޓާ ޙިއްސާ ކުރުމަށް ޗައިނާއަށް އަނެއްކާވެސް ގޮވާލަން. މިއީ ސައިންޓިފިކަލީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް،" ޑަބްލިއުއެޗްއޯއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ހާމަކަން ބޮޑު ގޮތެއްގައި ޤައުމުގެތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރެވި، އެއްބާރުލުން ދެވިގެން މެނުވީ، މުސްތަޤުބަލުގައި އަތުވެދާނެ މިފަދަ ބަލިމަޑުކަމަކަށް ތައްޔާރެއް ނުވެވޭނެ."

އެ ބަޔާނުގައި ޑަބްލިޔުއެޗްއޯ އިން ވަނީ، ކޮވިޑު މުޅި ދުނިޔެއަށް ފެތުރުމުގެ ކުރިން، 31 ޑިސެމްބަރު 2019 ގައި، ވޫހާންގައި "ނިއުމޯނިޔާ" އާ އެއްގޮތް ވައިރަލް ހުމެއް ފެތުރޭ ކަމަށް ބުނެ ނެރެފައިވާ ނޫސްބަޔާނަކަށް އިޝާރާތްކޮށްފައެވެ.

ކޮވިޑު ފަދަ ބަލިމަޑުކަމަކަށް ދުނިޔެ މިހާރު ތައްޔާރުތޯ ކުރި ސުވާލަށް ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނަމް ގެބްރެޔެސަސް މި މަހުގެ ތެރޭގައި ވަނީ ޖަވާބު ދެއްވައިފައެވެ.

"ތިޔަ ސުވާލުގެ ޖަވާބަކީ އާނއެކޭ އަދި ނޫނެކޭ،" އޭނާ ޖަވާބު ދެއްވިއެވެ.

"މިއަދު ވެސް އާ ބަލިމަޑުކަމަކާ ކުރިމަތިވެއްޖެނަމަ، ކޮވިޑު ފެތުރެން މެދުވެރިވި ގޮންޖެހުންތަކާއި ހިރާސްތައް އަދިވެސް ދެމި އެބައޮތް."

ނަމަވެސް، ކޮވިޑުން ދަސްވި ފިލާވަޅުތަކުގެ އަލީގައި އެފަދަ ކަމަކުން ރައްކާތެރިވުމަށް ބައެއް ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަން ގެބްރެޔެސަސް ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ގެއްލުންތަކާ ގުޅިގެން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޤައުމުތަކުން ނިންމީ ބަލިމަޑުކަމުން ރައްކާތެރިވުމާއި، ތައްޔާރުވުމާއި އަދި އެކަމާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކާ ބެހޭ އެއްބަސްވުމެއް ޑްރާފްޓް ކުރަން ފެށުމަށެވެ.

ޑަބްލިޔުއެޗްއޯގެ 194 މެމްބަރު ޤައުމުން މި މުއާހަދާގައި ހިމަނަން ޖެހޭ ގިނަ ކަންކަމާމެދު މައިގަނޑު ގޮތެއްގައި އެއްބަސްވި ނަމަވެސް، ޢަމަލީ ގޮތުން އެ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން ވަނީ ތާއްޓެއް ކުރިމަތިވެފައެވެ.

މިގޮތުން، އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެންމެ ބޮޑު ހުރަހަކީ، ބަލިމަޑުކަމެއްގެ މަޢުލޫމާތު ދުރާލައި ޙިއްސާކުރުމާއި، އުފައްދާ ބޭހާއި ވެކްސިން ފޯރުކޮށްދިނުމާ ގުޅޭގޮތުން އޮތް ދެބަސްވުމެވެ.

އެ އެއްބަސްވުން އެކުލަވައިލުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވާނީ އަންނަ އަހަރުގެ މެއި މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު