ENGLISH

10 އޭޕްރީލު 2025

Advertisement

ދެކުނު ކޮރެޔާގެ ރައީސް ޔޫން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެފި

31 ޑިސެމްބަރު 2024

|

ހަސަން އާމިރު

ޔޫން ސުކް ޔެއޯލް

ދެކުނު ކޮރެޔާގައި ކުއްލި ޙާލަތު އިޢުލާނުކުރެއްވި މައްސަލާގައި، ޕްރޮސެކިޔުޓަރުންގެ ސުވާލުތަކަށް ޖަވާދާރީވެވަޑައިގަންނަވަން ދެކޮޅު ހައްދަވާތީ، ރައީސްކަމުގެ މަޤާމުން އަޒުލުކޮށްފައިވާ ޔޫން ސުކް ޔެއޯލް ހައްޔަރުކުރުމުގެ ނެރެފިއެވެ.

ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ.

އެ މައްސަލަ ބަލަން ފަށައި، ކުއްލި ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން ސުވާލުކުރުމަށް ޕްރޮސެކިޔުޓަރުން އެދުނު އެދުމަށް ޔޫން ގެންދަވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ.

"ޖޮއިންޓް އިންވެސްޓިގޭޝަންގެ މައި އިދާރާއިން އެދުނު ގޮތަށް، ރައީސް ޔޫން ސުކް ޔެއޯލް ހައްޔަރު ކުރުމުގެ އަމުރަކާއި އެ މަނިކުފާނާ ގުޅުންހުރި ތަންތަން ބަލައިފާސްކުރުމުގެ އަމުރު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ނެރެފައި" އެ އިދާރާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

ކުއްލި ޙާލަތު އިޢުލާނުކުރެއްވި މައްސަލަ ތަހުޤީޤު ކުރާ ޓީމުން، ޔޫން ހައްޔަރުކުރަން މަސައްކަތް ފެށީ، އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގެންނެވުމަށް، އެ އިދާރާއަށް ހާޒިރުވާ ތިން ވަނަ ފަހަރަށް ދެކޮޅު ހެއްދެވުމުންނެވެ.

ހަމަޖެހުން ނަގައިލުމުގެ ތުހުމަތު ޔޫންގެ މައްޗަށް ކުރެވޭއިރު، އެއީ ސާބިތުވެއްޖެނަމަ މަރުގެ ހުކުމެއް އައުމުގެ ފުރުޞަތު އޮތް ކުށެކެވެ.

ޔޫން ހައްޔަރުކުރަން ކޯޓުން ނެރެފައިވާ އަމުރު އަންނަ ހޯމަ ދުވަހާ ހަމައަށް ދެމިއޮންނަ އިރު، އެ މަނިކުފާނު ފުލުސް އޮފީހެއްގައި ނުވަތަ ޑިޓެންޝަން ސެންޓަރެއްގައި ބެހެއްޓޭނެ ތަހުޤީޤީ އިދާރާއިން ބުންޏެވެ.

ނަމަވެސް، ތަހުޤީޤީ އިދާރާއަށް އެ އަމުރު ތަންފީޒު ކުރެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ސަބަބަކީ، ޔޫން ދިރިއުޅުއްވާ ގެކޮޅު ބަލައިފާސްކުރަން ވެސް އެ މަނިކުފާނުގެ ސެކިޔުރިޓީ ޓީމުން މީގެކުރިން ވެސް ހުރަސްއަޅާފައިވާތީއެވެ.

މިއީ ދެކުނު ކޮރެޔާގެ ދުސްތޫރީ ތާރީޚުގައި، ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ހައްޔަރުކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

ޔޫން މަޤާމުން ދުރުކުރުމުގެ މައްސަލަ ދުސްތޫރީ ކޯޓުން ބަލަން ލަސްކުރަމުންދާ ކަމަށް ބުނެ، ރައީސްގެ މަސްޢޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ބޮޑުވަޒީރު ހާން ޑުކް ސޫ ވެސް ވަނީ ރައީސްކަމުން އަޒުލުކޮށްފައެވެ.

ޑުކް ސޫ އާ މެދު އިދިކޮޅު ޕާޓީތަކުން ނުރުހުނީ، ޔެއޯލްގެ އަޒުލުކޮށްފައިވާ މައްސަލާގައި ގޮތެއް ނިންމަންޖެހޭ އެ ޤައުމުގެ ދުސްތޫރީ ކޯޓަށް ފަނޑިޔާރު ޢައްޔަނުކުރުން ލަސްކުރަމުންދާތީ ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު