ENGLISH
28 ޖުލައި 2026
ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން ފާސްކޮށްފި
28 ޖުލައި 2026
|
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. ފޮޓޯ؛ މަޖިލިސް އިދާރާ.
އެންމެ މަޤްބޫލު
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކެއްގައި ކޮރަޕްޝަނާއި މަނީލޯންޑަރިންއަށް މަގުފަހިވާގޮތަށްހުރި ކަންކަން ބަލައި ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ފެނަކައިން އައްޑޫގައި ހިންގާ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.
އައްޑޫސިޓީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތަކަށް ކޮށްފައިވާ ހަރަދާ ގުޅޭގޮތުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އެ ޕްރޮޖެކްޓުތައް އިން-ހައުސްކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ގެއްލުންވެފައިވާކަން ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެގޮތުން ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް މަޝްރޫއުތައް ހިންގާފައިވާއިރު، ކަރަންޓާއި ފެން ބިލުތަކުން ލިބެންޖެހޭ 77 މިލިޔަން ރުފިޔާ ފެނެކައަށް ލިބިފައެއްނުވެއެވެ.
އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު:
* ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އައްޑޫސިޓީގައި ކުރިއަށް ގެންދާ ހަތަރު ޕްރޮޖެކްޓަކަށް 31 ޑިސެމްބަރު 2024 ގެ ނިޔަލަށް 117,473,485 (ސަތޭކަސަތާރަމިލިއަން ހަތަރުލައްކަހަތްދިހަތިންހާސް ހަތަރުސަތޭކައަށްޑިހަފަހެއް) ރުފިޔާ ޚަރަދުކޮށްފައިވާކަމާއި، އޭގެތެރެއިން އެއްވެސް ޕްރޮޖެކްޓެއް ނިމިފައި ނުވާކަން.
* އެ ޕްރޮޖެކްޓުތައް އެއްކޮށް ނިންމުމަށް ޖުމްލަ 68,500,884 (ފަސްދޮޅަސްއަށްމިލިއަން ފަސްލައްކަ އަށްސަތޭކައަށްޑިހަހަތަރެއް) ރުފިޔާ އިތުރަށް ޚަރަދުވެގެންދާނެކަމަށް އަންދާޒާ ކުރެވޭކަން.
* އައުޓްސޯސްކޮށްގެން ކުންފުނިން ކޮށްފައިވާ އެފަދަ ޕްރޮޖެކްޓުތަކަށް އަކަފޫޓަކަށް ޖެހިފައިވާ އަދަދުން ބަލާއިރު މި ހަތަރު ޕްރޮޖެކްޓް ނިންމުމަށް ޚަރަދުވެގެންދާނީ 109,063,500 (ސަތޭކަނުވަމިލިއަން ފަސްދޮޅަސްތިންހާސް ފަސްސަތޭކަ) ރުފިޔާކަން.
* ނަމަވެސް އިން-ހައުސްކޮށް އެ ޕްރޮޖެކްޓުތައް ހިންގުމުން ކުންފުންޏަށް 76,910,869 (ހަތްދިހަހަމިލިއަން ނުވަލައްކަދިހަހާސް އަށްސަތޭކަފަސްދޮޅަސްނުވައެއް) ރުފިޔާ ގެއްލުންވެގެންދާނެކަމަށް އަންދާޒާކުރެވޭކަން.
މި ޕްރޮޖެކްޓުތަކަށް ކޮށްފައިވާ ހަރަދުތަކުގެ ތެރޭގައި މެޓީރިއަލް ގަތުމަށާއި މުވައްޒަފުންގެ މުސާރައަށް ކޮށްފައިވާ ހަރަދުތައް ހޯދަން އެދުމުން އޮޑިޓަރުންނަށް ފޯރުކޮށްދީފައިވާ ޖެނެރަލް ލެޖަރ (ޖީ.އެލް) އާއި މުސާރަ ޝީޓްތަކުން ވަކިވަކި ޕްރޮޖެކްޓުތަކަށް ހިނގާފައިވާ ހަރަދުތަކަށް ހިނގި ޖުމްލަ އަދަދު ސާބިތުކުރެވެން ނެތްކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ދުވަހުންދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށްޓަކައި ޕެޓީ ކޭޝް ފައިސާއިން ކުންފުނީގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަކުން ތަކެތި ގަނެފައިވާކަން ފަޅާއަރާފައިވެއެވެ. ޑޮކިއުމަންޓް ފޯޖުކޮށްގެން ޕެޓީ ކޭޝްއިން ފައިސާ ނަގާފައިވާކަމާއި މުވައްޒަފުންގެ ޕާސަނަލް އެކައުންޓުތަކަށް ކުންފުނިން ޕެޓީ ކޭޝް ފައިސާޖަމާކުރަމުން ގެންގޮސްފައިވާކަންވެސް އޮޑިޓް ރިޕޯޓާއެކު ވަނީ ހާމަވެފައެވެެ.
ރިޕޯޓުގައިވާގޮތުން ފެނަކައިގެ އެކައުންޓުން މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޕެޓީ ކޭޝްއިން ފައިސާ ހަރަދު ކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން 783،296 ރުފިޔާގެ ތަކެތި ގަނެފައިވެއެވެ. އަދި ޑޮކިއުމަންޓް ފޯޖުކޮށްގެން 130،220 ރުފިޔާގެ ޕެޓީ ކޭޝް ނަގާފައިވާތީ، އެ ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ހިދުމަތާއި ތަކެތި ލިބިގެން ހަރަދުކޮށްފައިވާ ފައިސާގެ އަދަދު ކަށަވަރުނުވާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި އޮޑިޓް ރިޕޯޓް ދިރާސާކުރަން ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުންތަކެއް ހުށަހެޅުއްވިއެވެ. އެގޮތުން މެމްބަރު މަމްދޫހު ހުށަހެޅުއްވީ ފެނަކައިގެ ފައިސާއަށް ހިޔާނަތްތެރިވި އޭރުގެ ބޯޑު މެންބަރުންނާއި ޝާމިލުވާ އެންމެންގެ މައްސަލަ ފުލުހުންނަށާއި އޭސީސީއަށް ހުށަހެޅުމަށެވެ. އަދި އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން މުދާ ނުގަނެވޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހުކުރުމަށާއި، ކުންފުނީގެ އޮނިގަނޑު އަލުން އެކުލަވާލުމަށެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހެޅުއްވީ އައްޑޫ ބްރާންޗުތަކުގެ ވެރިންގެ އާއިލީ މީހުންގެ އެކައުންޓްތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގުމަށެވެ. އަދި މި ތަހުގީގުތަކުގެ މައުލޫމާތު ކޮންމެ މަހަކު މަޖިލީހަށް ހިއްސާކުރުމަށާއި، ކޮރަޕްޝަންގެ މައްސަލަތައް އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް މެދުވެރިކޮށް އޭސީސީއަށް އެންގުމަށްވެސް ހުށަހެޅުއްވިއެވެ.
މެންބަރު މަމްދޫހާއި އަޒާން ހުށަހެޅުއްވި ހުށަހެޅުންތައް ކޮމިޓީން ފާސްކޮށް އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާފައިވާއިރު 53 މެންބަރުންގެ އިއްތިފާގުން ނިންމީ ފެނަކައިގެ ކުރީގެ ވެރިންގެ ތަހުގީގުތައް ހިންގަން އެދުމަށް ފެންނަ ކަމަށެވެ.