ENGLISH

28 ޖުލައި 2026

Advertisement

އެމްޑީޕީގެ ދެ ވެރިކަމުގައި ފިކުރު ތަފާތުވެގެން 751 މީހުން ވަޒީފާތަކުން ވަަކިކުރި: ފަލާހު

28 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކުރަން ލިބުނު ދެފަހަރު އެ ޕާޓީއާ ހިޔާލު ތަފާތުވެ އެހެން ސިޔާސީ ވިސްނުމަކަށް ތާއީދުކުރާތީ 751 މީހަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

ސަރުކާރު ކުންފުނިތަކާއި ދައުލަތުގެ ވިޔަފާރިތަކުގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މުނާސަބު މިންވަރަށް މަދުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތަކީ ސިޔާސީ ބޭނުމަށް މުވައްޒަަފުން ވަކިކުރުމަށް ކުރަމުންދާކަމެއްކަމަށް ތުހުމަތުކުރައްވަައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މެންބަރު ފަލާހު ވިދާޅުވީ މިފަދަ މުހިއްމު ކަމެއްގައި މިހައި ބޮޑު ތުހުމަތެއް ސަރުކާރަށް އަމާޒުކޮށް ގަރާރެއް މަޖިލީހަށް ހުށަހެޅިއިރު، ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ ނަންތައް އަދި އަދަދުތައްް ހިމަނައިލިނަމަ އެ ގަރާރުގެ ބުރަދަން އިތުރުވީސްކަމަށެވެ. 

އެއާއެކު ފަލާހު ފާހަގަކުރެއްވީ އެމްޑީޕީގެ ވިސްނުމަކީ އަދި ގެންގުޅޭ ފިކުރަކީ އެ ޕާޓީއަށް ވެރިކަންކުރަން ފުރުސަތު ލިބުމުން އެ ޕާޓީއަށް ނިސްބަތްވާ ނުވަތަަ ތާއީދުކުރާ ރައްޔިތުންނާއި، އެ ޕާޓީގެ ފިކުރަށްް ތާއީދުނުކުރާ ރައްޔިތުންގެ މެދުގައި ތަފާތުކުރުން ކަމަށެވެ. އަދި އެއީ މިއަދު އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ރައީސްކަމުގައި ހުންނެވިއިރު ދިވެހި ރައްޔިތުންގެ ކުރިމަތީގައި އަމިއްލަފުޅަށް އިއުލާނުކުރައްވާފައިވާ ސިޔާސަތެއްކަމަށްވެސް ފަލާހު ވިދާޅުވިއެވެ. 

"އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ސީދާ ވެރިމީހާ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިފުޅުމަތިގައި ޕޯޑިއަމުގައި ވިދާޅުވީ އެމްޑީޕީއަށް ނިސްބަތްނުވާ މީހުންނާމެދު ކުޅިދައްކައިލާނަމޭ. ތިމަންނަމެން އަމަލުކުރާނީ ވަރަށް ތަފާތު ބޮޑު ގޮތަކަށޭ އެމްޑީޕީއަށް ތާއީދުނުކުރާ މީހުންނާއި އެމްޑީޕީއަށް ތާއީދުކުރާ މީހުންނާ ދޭތެރޭ. ރަނގަޅު ހަމައެގޮތަށް އަމަލުކުރެއްވީ،" ފަލާހު ވިދާޅުވިއެވެ. 

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެޕާޓީއަށް ނިސްބަތްވާ މީހުންނާއި އެހެނިހެން ރައްޔިތުންނާ ދެމެދުގައި ގެންގުޅުނު ތަފާތުކުރުމުގެ މިސާލެއްގެ ގޮތުން ފަލާހު ފާހަގަަކުރެއްވީ އެ ޕާޓީގެ އެކްޓިވިސްޓުންނާއި އާއްމު މެންބަރުންނަށް ރާއްޖޭގެ ގިނަ އަދަދެއްގެ ފަޅުރަށްތައް ނުއަގުގައި އެއިރު ބަހައިލުމެވެ. އެއިން ބައެއް މީހުންނަށް އެ ރަށްތައް ބަލައިލަން ދޭނެ ފެންވަރުވެސް ނެތިގެން ރަށްރަށް ތަރައްގީނުކުރެވި އަތުން ބީވެގެން ގޮސްފައިވާކަން ފަލާހު ފާހަގަކުރެއްވީ އެއީ ރައްޔިތުންގެ ނަސީބެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ. 

ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުވައިލައްވަމުން ދައުލަތުގެ ބަޖެޓު 50 ބިލިއަނުން މަަތިވެފައިވާއިރު ދައުލަތަަށް ލިބޭ އާމްދަނީ އުޅެނީ 30 ބިލިއަނާއި 35 ބިލިއަނާ ދެމެދުގައިކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ ކޮންމެ އަހަރަކުވެސް ބަޖެޓު 12 ބިލިއަނާއި 15 ބިލިއަނާ ދެމެދުގެ އަދަދަކުން ދަރަނިވެރިވާ ކަމަށާއި، އެކަމުގެ ސަބަބުން ޖުމްލަ ދަރަނި އިންތިހާއަށް މަތިވެފައިވާ ކަމަށެވެ. އެއީ ގައުމުދެކެ ލޯބިވާ ރައްޔިތުން އެކަމާމެދު ފުންކޮށް ވިސްނަަވަންޖެހޭ ކަމެއްކަަމަށާއި، މިއަދުގެ ރައީސަކީ އެފަދަ ކަންކަމާމެދު ރައްޔިތުންގެ ހައްގުގައި ފިކުރުކުރައްވާ ބޭފުޅެއްކަމަށް ފަލާހު ވިދާޅުވިއެވެ. 

އިތުރަށް ފަލާހު ފާހަގަކުރެއްވީ މިވެރިކަމުގެ ފާއިތުވި ދެ އަހަރުވެސް ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާފައިނުވާ ކަމެވެ. އެއާއެކު ފަލާހު ވިދާޅުވީ ފާއިތުވި އެމްޑީޕީ ވެރިކަމުގައި ކޮންމެ އަހަރެއްވެސް މެދާ ހަމައަށްނުދަނީސް އެއަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައެޅި މިންވަރަށްވުރެ ހަރަދު ބޮޑުވެގެން ސަޕްލިމަންޓްރީ ބަޖެޓު ހުށަހަޅަންޖެހޭ ކަމަށެވެ. 

އެމްޑީޕީގެ ވިސްނުމަކީ ދައުލަތުގެ މާލީ ގާބިލުކަމަށް ނުބަލައި ހިންގާ ސިޔާސަތެއްކަން ބަޔާންކޮށްދެއްވުމަށްފަހު ފަލާހު ވިދާޅުވީ ފާއިތުވެދިޔަ މާޒީއަށް ބަލާއިރު އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި އެ ޕާޓީގެ ފިކުރާއި ވިސްނުމާ ފުށުއަރާ އެހެނިހެން ވިސްނުންތަކަށް ތާއީދުކުރާ މީހުން ވަޒީފާތަކުން ވަކިކުރި ކަމަށެވެ. 

"2008 ވަނަ އަހަރުގައި އެމްޑީޕީ ވެރިކަމުގައި އެދިޔަ ގާތްގަނޑަކަށް ދެ އަހަރު ދުވަސްތެރޭ 330 މީހުން ސަރުކާރު ކުންފުނިތަކާއެކު އެހެން ޕާޓީތަކަށް ނިސްބަތްވޭ ކިޔައި ވަޒީފާއިން ވަކިކޮށްފައި އެބަހުރި. 2018ގައި އެމްޑީޕީގެ ވެރިކަން ނިންމައިލިއިރު 421 މީހުން ނަހައްގުން ވަޒީފާއިން ވަކިކޮށްފަައި ހުރި،" ފަލާހު ވިދާޅުވިއެވެ. 

ފަލާހު އިތުރަށް ވިދާޅުވީ މިވެރިކަމުގެ ތިން އަހަރު ނިމުމާ ކައިރިވަމުންދާއިރު، މިވެރިކަމުގައި އެންމެ މުވައްޒަފަކުވެސް ނުހައްގުން ވަކިކޮށްފައިނުވާ ކަމަށެވެ. މިއަދު އެމްޑީޕީން ހުށަހެޅި ގަރާރުގައި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ އަދަދު ހިމެނިފައި ނެތީ ނުހައްގުން މުވައްޒަފުން ވަކިކޮށްފައި ނެތުމުންކަަމަށް ވިދާޅުވިއެވެ. 

ފަލާހު އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ވަޒީފާއަށް ދާން ދިވެހިން ޝައުގުވެރިކޮށް އާމްދަނީ ހޯދުމުގެ އެނޫން ފުރުސަތެއް ނެތް ހާލަތު އުފަންކުރީ އެމްޑީޕީން ކަމަށެވެ. ހާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުކޮށްލުމަކީ އެމްޑީޕީގެ ދެ ވެރިކަމުންވެސް ފެނުނު ކަމެއްކަމަށް ފަލާހު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު