ENGLISH

13 އޭޕްރީލު 2025

Advertisement

ސޫރިޔާގައި އިންތިޚާބެއް ބާއްވަން އަދި ހަތަރު އަހަރު ނަގާނެ ކަމަށް ވަގުތީ ލީޑަރު ބުނެފި

30 ޑިސެމްބަރު 2024

|

ހަސަން އާމިރު

ސޫރިޔާގައި އިންތިޚާބެއް ބޭއްވޭ ފަދަ ޙާލަތަކަށް ދާން، ހަތަރު އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ސޫރިޔާގެ ސަރުކާރާ މިހާރު ޙަވާލުވެ ހުރި ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ވެރިޔާ، އަބޫ މުޙައްމަދު އަލް ޖޫލާނީ ބުނެފިއެވެ.

ސޫރިޔާގެ ރައީސް ބައްޝާރު އަލް އަސަދުގެ ދިގު ވެރިކަން ވައްޓައިލުމަށްފަހު އެޗްޓީއެސްއިން ސަރުކާރު ހިންގުމާ ޙަވާލުވެފައިވާއިރު، ސައުދީ އަރައްބިޔާ އަލް އަރަބިއްޔާ ޓީވީއަށް ދިން އިންޓަވިއުއެއްގައި ޖޫލާނީ ބުނީ، ސޫރިޔާގައި އިންތިޚާބެއް ބޭއްވުމުގެ މަރުޙަލާތަކަށް ހަތަރު އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ.

"އެބަޖެހޭ ޤާނޫނުއަސާސީ ވެސް އަލުން ލިޔެ އެކުލަވައިލަން. އެކަމަށް އެކަނިވެސް ދެ ތިން އަހަރު ނަގާނެ،" ޖޫލާނީ ބުންޏެވެ.

ސޫރިޔާގެ ރައްޔިތުންނަށް ބަސްބުނެވޭ، އެންމެންގެ ބައިވެރިވުން އޮންނަ ގޮތަށް ސިޔާސީ ނިޒާމު ބައްޓަންކުރަންޖެހޭ ކަމަށް އދ.ގެ އެންމެ ބާރުގަދަ ގުނަން ކަމަށްވާ، ސަލާމަތީ މަޖިލީހުން ވެސް ވަނީ ގޮވާލައިފައެވެ.

އެމެރިކާ އާ އެކު، ހުޅަނގުގެ ގިނަ ޤައުމުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެޗްޓީއެސް އިން އަލްޤައިދާ އާ އެކު މީގެ ކުރިން އޮތް ގުޅުމެވެ.

ނަމަވެސް، ސޫރިޔާގެ ސަރުކާރު ހިންގުމާ ޙަވާލުވުމަށްފަހު، ހުރިހާ ދީންތަކަށް ވެސް އިޙްތިރާމްކޮށް، ހައްޤުތައް ކަށަވަރުކޮށްދޭނެ ކަމުގެ ވަޢުދުތަކާ އެކު އެޗްޓީއެސްގެ ރާގު ވަނީ ބަދަލުކޮށްފައެވެ.

އަލް އަރަބިއްޔާއަށް ދިން އިންޓަވިއުގައި، ޖޫލާނީ ވަނީ، ބައްޝާރުގެ ވެރިކަމުގައި ސޫރިޔާ އާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލަން ގޮވާލައިފައެވެ.

އަސަދުގެ ދިގުވެރިކަން ކުއްލި ގޮތަކަށް ވެއްޓުނީ، އެޗްޓީއެސްގެ ހަނގުރާމަވެރިންގެ ވަރުގަދަ ޙަމަލާތަކަށްފަހު، ބޮޑެތި ސަހަރުތައް ހިފުމާ ގުޅިގެންނެވެ.

ހަނގުރާމަވެރިން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަދެގަތުމާއެކު، ބައްޝާރު ވަނީ ރަޝިޔާއިން ހިމާޔަތް ހޯއްދަވައިގެން، ޤައުމު ދޫކޮށް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު