ENGLISH
10 އޭޕްރީލު 2025
އަޒުލުކޮށްފައިވާ ދެކުނު ކޮރެޔާގެ ރައީސް ޔޫން ހައްޔަރުކުރުމުގެ އަމުރަކަށް އެދިއްޖެ
30 ޑިސެމްބަރު 2024
|
ދެކުނު ކޮރެޔާގައި ކުއްލި ޙާލަތު އިޢުލާނުކުރެއްވި މައްސަލާގައި، ޕްރޮސެކިޔުޓަރުންގެ ސުވާލުތަކަށް ޖަވާދާރީވެވަޑައިގަންނަވަން ދެކޮޅު ހައްދަވާތީ، ރައީސްކަމުގެ މަޤާމުން އަޒުލުކޮށްފައިވާ ޔޫން ސުކް ޔެއޯލް ހައްޔަރުކުރުމުގެ އަމުރަކަށް އެދިއްޖެއެވެ.
ދެކުނު ކޮރެއާގައި ކުއްލި ޙާލަތު ޔޫން އިޢުލާނު ކުރެއްވި މައްސަލާގައި، ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ މި މަހުގެ 13 ވަނަ ދުވަހެވެ.
އެ މައްސަލަ ބަލަން ފަށައި، ކުއްލި ޙާލަތު އިޢުލާނުކުރުމާ ގުޅޭގޮތުން ސުވާލުކުރުމަށް ޕްރޮސެކިޔުޓަރުން އެދުނު އެދުމަށް ޔޫން ގެންދަވަނީ ތަކުރާރުކޮށް ދެކޮޅު ހައްދަވަމުންނެވެ.
"ޖޮއިންޓް އިންވެސްޓިގޭޝަން ހެޑްކުއާޓަރުން ވަނީ ރައީސް ޔޫން ސުކް ޔެއޯލް ހައްޔަރު ކުރުމުގެ އަމުރަކަށް ސޯލް ވެސްޓަރން ޑިސްޓްރިކްޓް ކޯޓަށް ހުށަހަޅާފައި،" ތަހުޤީޤީ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިއީ ދެކުނު ކޮރެޔާގެ ދުސްތޫރީ ތާރީޚުގައި، ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ހައްޔަރުކުރަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
ޔޫން މަޤާމުން ދުރުކުރުމުގެ މައްސަލަ ދުސްތޫރީ ކޯޓުން ބަލަން ލަސްކުރަމުންދާ ކަމަށް ބުނެ، ރައީސްގެ މަސްޢޫލިއްޔަތުތަކާ ވަގުތީ ގޮތުން ޙަވާލުވެ ހުންނެވި ބޮޑުވަޒީރު ހާން ޑުކް ސޫ ވެސް ވަނީ ރައީސްކަމުން އަޒުލުކޮށްފައެވެ.
ޑުކް ސޫ އާ މެދު އިދިކޮޅު ޕާޓީތަކުން ނުރުހުނީ، ޔެއޯލްގެ އަޒުލުކޮށްފައިވާ މައްސަލާގައި ގޮތެއް ނިންމަންޖެހޭ އެ ޤައުމުގެ ދުސްތޫރީ ކޯޓަށް ފަނޑިޔާރު ޢައްޔަނުކުރުން ލަސްކުރަމުންދާތީ ކަމަށް ބުނެއެވެ.