ENGLISH
10 އޭޕްރީލު 2025
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވެއްޖެ
30 ޑިސެމްބަރު 2024
|
އެމެރިކާގެ ކުރީގެ ރައީސް އަދި ދުނިޔޭގެ ސުލްޙައިގެ އިނާމު، ނޮބެލް ހާޞިލް ކުރައްވާފައިވާ ޖިމީ ކާޓަރ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 100 އަހަރުގައި އަވަހަރާވި ކާޓަރ ވަނީ، 1977 އާއި 1981 ވަނަ އަހަރާ ދެމެދު އެމެރިކާގެ ރައީސްކަމުގެ މަޤާމު އަދާކުރައްވައިފައެވެ.
ކާޓަރގެ ވެރިކަން ނިމުނު އިރު އޭނާގެ މަޤުބޫލުކަން ގެއްލުނު ނަމަވެސް އޭނާ އަކީ އިންސާނީ ހައްޤުތަކަށާއި ޞުލްޙައަށް ވަކާލާތުކުރެއްވި ވަރުގަދަ ޝަޚުސިއްޔަތެކެވެ. އޭނާ ކުރެއްވި އިންސާނީ މަސައްކަތްތަކަށް 2022 ވަނަ އަހަރު ނޮބެލް އިނާމު ވެސް ވަނީ ލިބިވަޑައިގެންފައެވެ.
ކާޓަރ ވެރިކަން ކުރެއްވި އެއް ދައުރުގެ ތެރޭގައި، އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީގެ ތެރޭގައި އިޒްރޭލާއި މިޞްރާ ދެމެދު 'ކޭމްޕް ޑޭވިޑް އެކޯޑްސް" ގެ ނަމުން މަޝްހޫރުވެފައިވާ އެއްބަސްވުމެއް ޤާއިމުކޮށް، މެދުއިރުމައްޗަށް އޭރު ސުލްޙަ ގެނައުމުގައި އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްލެވެއެވެ.
ނަމަވެސް، ވެރިކަމުގެ ފަހުކޮޅު، އީރާނުގައި އެމެރިކާގެ ރައްޔިތުންތަކެއް ރަހީނުކުރުމާއި، 1980 ވަނަ އަހަރު އެމެރިކާގެ 52 މީހުން ސަލާމަތް ކުރުމަށް ކުރި ނާކާމިޔާބު މަސައްކަތް ފަދަ ގިނަ ގޮންޖެހުންތަކާ އެ މަނިކުފާނު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ.
އެއާ އެކު، ރައްޔިތުންގެ މެދުގައި މަޤުބޫލުކަން ގެއްލި، ރިޕަބްލިކަން ކެންޑިޑޭޓް ރޮނަލްޑް ރޭގަން އާ ވާދަކުރައްވައި، ކާޓަރ އަށް ވަނީ އެ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެންފައެވެ.
ފާއިތުވި އަހަރުތަކުގައި ކާޓަރއަށް ވަނީ ޞިއްޙީ ގިނަ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެވެ. އެ ގޮތުން ހަމުގެ ކެންސަރު ޖެހިވަޑައިގެން އޭނާގެ ފުރަމެއަށާއި ސިކުނޑިއަށް ވަނީ ކެންސަރު ފެތުރިފައެވެ.