ENGLISH
25 ޖުލައި 2026
ބުރިޖާއި ހަލިމަގުގައި ނުރައްކާވާ ގޮތަށް ދުއްވި ތިން ސައިކަލެއް ޓޯކޮށްފި
25 ޖުލައި 2026
|
ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިޔޯގެ ސްކްރީން ޝޮޓެއް
އެންމެ މަޤްބޫލު
ސިނަމާލެ ބުރިޖާއި މާލެއާއި ހުޅުމާލޭ ގުޅުވައިދޭ ހަލިމަގުގައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް ދިވެހި ފުލުހުންގެ ހިދުމަތުން ޓޯކޮށްފިއެވެ.
މި ތިން ސައިކަލަކީ މީސްމީޑިޔާގައި މިހާރު ދައުރުވަމުންދާ ވީޑިޔޯއެއްގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދުތަކާއި، އުޅަނދު ދުއްވުމުގެ ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް ބަޔަކު ދުއްވަނިކޮށް ފެންނަ ސައިކަލުތަކެވެ.
އެވީޑިޔޯ މީސްމީޑިޔާގައި އާއްމުވުމާ ގުޅިގެން އެފަދަ ގޮތަކަށް ދުއްވާ މީހުންނާމެދު ހަރުކަށި ފިޔަވަޅުއަޅައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަން އާއްމުންގެ ގިނަ ބަޔަކު ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން މީޑިޔާއަށް ފޮނުއްވި މެސެޖެއްގެ ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވީ ސިންމާލެ ބުރިޖުގައި އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ނުރައްކާތެރިކޮށް ދުއްވި ތިން ސައިކަލެއް އެ ހިދުމަތުން ޓޯކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި އެއްގަަމު ދަތުރުފަތުރުގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ ހިލާފުވުމުގެ ސަބަބުން މި ތިން ސައިކަލު ޓޯކުރީ ޖޫން، 25، 2026 ވަނަ ދުވަހުއެވެ. އަދި އެ ތިން ސައިކަލު ޓޯކުރީ 30 ދުވަހުގެ މުއްދަތަކަށެވެ.
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރިކަމަށް ފުލުހުންގެ ހިދުމަތުން ބުނެފައިނުވެއެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މަގުތައް ބެލެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ޓްރެފިކް ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށްފައިވާއިރު، ގަވާއިދާ ހިލާފުވާ މީހުން ހުއްޓުވައި ފިޔަވަޅުއެޅުމަށް ފުލުހުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.