ENGLISH

25 ޖުލައި 2026

Advertisement

މިނިވަން ދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަންނަވައިފި

25 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވުން. --ފޮޓޯ: ޚާރިޖީ ވުޒާރާ

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން، މިއަދު ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތުފުޅު ޤަބޫލު ކުރައްވައި، މިހިނގާ ޖުލައި މަހުގެ 25 އިން 27 ގެ ނިޔަލަށް އެ މަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ. 

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވުން. --ފޮޓޯ: ޚާރިޖީ ވުޒާރާ

މި ބައްދަލުވުންތަކުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.

މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.  

މި ދަތުރުފުޅަކީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މުސްތަޤްބަލުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނޭ ދަތުރުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު